ބަނގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފުރަތަމަ މެޗުގައި އެގައުމުގެ ޗެމްޕިއަން ދާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބުން މިވަނީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި މުޅިން އައު ޞަފުހާއެއް ހުޅުވާލައިފައެވެ.

ޓީސީގެ ބައިނަލްއަގުވާމީ ފުރަތަމަ މެޗުން އެ ޓީމު ރަނގަޅު ކާމިޔާބީއެއް ހޯދުމަކީ ދިވެހި ފުޓްބޯޅައިގެ މުސްތަގްބަލް އުޖާލާކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. އެ ނަތިޖާ ޓީސީ ހޯދީ އާދައިގެ ކުލަބަކާ ދެކޮޅަށް ކުޅެގެންނެއް ނޫނޭވެ. ދާކާ އަބަހާނީއާ އަކީ ބަނގްލަދޭޝް ފުޓްބޯޅައިގެ ގަދަ ބާރެކެވެ. އެ މެޗުގައި ޓީސީ ހޯދި ކާމިޔާބީއަށް އެޓީމަށް ސަތޭކައިން ސަތޭކަ ދޭން ނުޖެހޭ ސަބަބެއް ނެތެވެ.

ޓީސީން ހޯދި ބައިނަލްއަގުވާމީ ފުރަތަމަ މޮޅުގެ ވާހަކަ ދައްކާއިރު ޓިސީ އަކީ ރާއްޖޭގެ އެއްވަނަ ޑިވިޝަންގެ ފުޓްބޯޅައިގެ އެންމެ ޒުވާން އެއް ޓީމެވެ. 2015 ވަނަ އަހަރުން ފަށައިގެން އެއްވަނަ ޑިވިޝަނުގައި ޓީސީން ވާދަކުރަމުންދާއިރު އެ ޓީމު ފާހަގަވެފައިވަނީ ރަނގަޅު މެނޭޖްމެންޓަކާއެކު ކުޅުންތެރިންގެ ހިތްވަރާއި ފަންވަރު ބަލައިގަނެގެން ކުޅޭ ޓީމެއްގެ ގޮތުގައެވެ. ފުޓްބޯޅައިގެ ބަހުރުވައިން ބުނާނަމަ ކާމިޔާބު ހޯދުމަށް ބޭނުންވާ ހުރިހާ ސިފައެއް، ހުރިހާ "ޑިސިޕްލިން"އެއް ޓީސީ ކިބައިގައި އެބަހުރި ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

ޓީސީ ސްޕޯޓްސް ކްލަބު ---

ޓީސީގެ ކާމިޔާބީގެ ވާހަކަދައްކާއިރު އެޓީމުގެ އެކާމިޔާބީއާ ވިދިގެން ރާއްޖޭގެ ކުޅިވަރު ސަހުސިއްޔަތުންގެ ލިސްޓުން ފުރިހަމަ ޖާގައެއް ކަށަވަރުކުރި ކުޅުންތެރިއެއްގެ ވާހަކަވެސް ދައްކަންޖެހެއެވެ. މާޒީގެ ތެރެއިން ޓީސީ ރަން ޞަފްހާއެއް ލިޔަން ފެށިއިރު ހަމަ އެފަދަ ސޮފުހާއަކުން ޓީސީއަށް ކުޅުނު ފުރަތަމަ މެޗުގައި އިބްރާހިމް މަހުދީ (އިއްބެ) ވެސް ވަނީ ޖާގަ ހޯދައިފައެވެ.

އިބްރާހިމް މަހުދީ (އިއްބެ) ދިވެހި ފުޓްބޯޅައަށް ތައާރަފްވީ މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރި ސ. ފޭދޫ ޓީމުންނެވެ. ފޭދޫ ޓީމުން އިއްބެ ވިދާލިއިރު މިނިވަން ޗެމްޕިއަންޝިޕްގައި ހޯދި ކާމީޔަބީގައި އޭނާގެ ދައުރުވެސް ބޮޑެވެ. އޭނާ އެރަށު ޓީމުގެ ކެޕްޓަންގެ ޒިންމާ އަދާ ކުރިއިރު އޭރުވެސް އިއްބެ ސާބިތުކޮށްދީނީ އޭނާއަކީ ދިވެހި ފުޓްބޯޅައިގެ ބްރޭންޑަކަށް ވެވިދާނެ ވަރުގެ ކުޅުންތެރިއެއްކަމެވެ. މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުރިއަށް ދިޔައިރު އިއްބެގެ އަޑު މީޑީއާތަކުގައި ގަދަވެގެންވެސް ދިޔައީ މި ދެންނެވި ސަބަބުތަކަކަށްޓަކައެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފުރަތަމަ މެޗުގައި ރޭ އެގައުމުގެ ޗެމްޕިއަން ދާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗު ޓީސީ ކާމިޔާބު ކުރިއިރު އެ މެޗުގައި އިއްބެ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗަކީ އިއްބެ ޓީސީއަށް ކުޅެދިން ފުރަތަމަ ވާދަވެރި މެޗެވެ. އަދި އިއްބެގެ ފުރަތަމަ ބައިނަލްއަގުއާމީ މެޗުވެސްމެއެވެ. އެ މެޗުގައި ޓީސީން ކާމިޔާބުކުރި ހަމައެކަނި ގޯލް ކާމިޔާބުކޮށްފައިވަނީ އިއްބެއެވެ. އެ ގޯލާއެކު ދިވެހި ފުޓްބޯޅައިގައި ނުފޫޒުގަދަ ކުޅުންތެރިޔަކަށްވުމަށް އިއްބެއަށް ވަނީ މަގު ފަހިވެގެން ގޮސްފައެވެ. ޓީސީ ހޯދި އެ ކާމިޔާބީގެ އެންމެ ބޮޑު ޝުކުރެއް ހަގީގަތުގައިވެސް ހައްގުވާ އެއް ކުޅުންތެރިޔަކީ އިއްބެއެވެ.

އިއްބެގެ އެ ކާމިޔަބީ ދަސްކޮށްދޭ އެހެން ފިލާވަޅެއްވެސް އެބައޮތެވެ. އިއްބެގެ އެ ކާމިޔާބީ ދަސްކޮށްދޭ އެންމެ މުހިންމު ފިލާވަޅަކީ އަތޮޅުތެރޭގެ ފުޓްބޯޅަ އޮތް ހާލަތެވެ. އަތޮޅު ތެރޭގައި ފުރުޞަތެއްގެ ބޭނުންވެގެން ހުނަރުވެރި ކުޅުންތެރިން އެބަތިބިކަން މިކަމުން ދޭހަކޮށްދެއެވެ. އިއްބެއަށް އޭނާގެ ހުނަރު ދައްކާލަން ލިބުނު މިފަދަ އެންމެ ފަހި ފުރުޞަތަކީ މިނިވަން ޗެމްޕިއަންޝިޕެވެ. އެފުރުސަތުގެ ބޭނުން ހިފާ އިއްބެ މިއަދު އެވަނީ ދިވެހި ފުޓްބޯޅާގައި މި ދުވަސްކޮޅު އެންމެ އަޑުގަދަ ކުޅުންތެރިއަކަށްވެފައެވެ.

އަތޮޅު ތެރޭގައި މިފަދަ ހުނަރުވެރި އެތައް ކުޅުންތެރިންނެއް ތިބޭނެކަން ކަށަވަރެވެ. އެއިން ކޮންމެ ކުޅުންތެރިޔަކުވެސް ބޭނުންވަނީ ފުރުޞަތެކެވެ. ޓީމަކަށް ކުޅެދޭ ފުރަތަމަ މެޗުގައި، ހާއްސަކޮށް މުބާރާތް ބާއްވާ ގައުމުގެ ޓީމަކާ ދެކޮޅަށް އެޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ފުރަތަމަ ބައިނަލްއަގުވާމީ ތަޖުރިބާގައި ޓީމެއް މޮޅުކޮށްދިނުމަކީ ކޮންމެ ކުޅުންތެރިޔަކަށް ވާނެ ކަމެއްނޫނެވެ.

އެ މުބާރާތުގައި ޓީސީ ކުޅޭ ދެވަނަ މެޗުގައި އެޓީމު ނުކުންނާނީ ކިރްގިސްތާން ލީގުގެ ތިންވަނަ އެފްސީ އަލްގާ ބިޝްކެކްއާ ދެކޮޅަށެވެ. އެ މެޗުންވެސް ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމުގެ އުންމީދުގައި ޓީސީ އޮތްއިރު ފުރަތަމަ މެޗުގައި ޓީސީގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން އެ މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކުން ޓީސީއާ ދެކޮޅަށް ކުޅޭ މެޗުތައް ފަސޭހަކޮށްނުލާނެކަން ޔަގީނެވެ.