28 Jun 2011, 14:07
ޑައިރެކްޓާ އަބްދުލް ފައްތާހުގެ 14 ވިލޭރޭ ރޭ އޮލިމްޕަސް ސްކްރީންގައި ރޭ އަޅުވައިފި އެވެ.
ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ "14 ވިލޭރޭ"، ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރިއިރު އެ ފިލްމުގެ ފުރަތަމަ ޝޯ ވަނީ ފުލްވެފަ އެވެ. ސާދަވިލޭރޭގެ 20 ޝޯ އެއް ދެއްކުމަށް ނިންމާފައިވާއިރު ފިލްމުގެ 12 ޝޯއެއްގެ ޓިކެޓް މިހާރު ދަނީ ވިކެމުންނެވެ.
އަލީ ސީޒަނާއި އައިމިނަތު ރިޝްމީ އަދި މަރިޔަމް ނިޝާ ލީޑް ރޯލު ކުޅެފައިވާ ފިލްމަކީ ބިރުވެރި ލޯބީގެ ފިލްމެކެވެ. މުޅި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ސިހުރުވެރިއެއްގެ ގާތަށް ދާ އަންހެން ކުއްޖެއްގެ ދިރިއުޅުން ބިރުވެރި ނާމާންކަމެއްގެ ތެރެއަށް ގެނބިގެންދާ ގޮތަށެވެ.
އޮލިންޕަހުގައި ރޭ ފިލްމް އެޅުވުމުގެ ކުރިން ބޭއްވި ޕްރިމިއާގައި ފިލްމުގެ ޑައިރެކްޓާ އަބްދުލް ފައްތާހު ބުނީ ބެލުންތެރިންނަށް ވަރަށް ކަމުގެ ދާނެ ފިލްމަކަށް ފިލްމު ވާނެ ކަމަށާއި އެފިލްމަކީ އޭނާ "ވަރަށް ލޯބިން ކޮށްފައިވާ މަސައްކަތެއް" ކަމަށެވެ. އަދި ފިލުމް ބަލާ އެންމެންވެސް ފިލްމް ބަލާފައި ނުކުންނާނީ އުފަލުން ކަމަށް ވެސް އޭނާ ބުންޏެވެ.
" ފިލްމު ނިމުމުގެ ކުރިން ބެލުންތެރިން ގޮނޑިން ފަހަތަށް ނުޖެހިއްޖެނަމަ 60ރ. އަބުރާ ދޭނަން، ހަމަޔަޤީން ކަމެއް މިއީ،" ފައްތާހު ބުންޏެވެ.
ފައްތާހު ބުނީ ބެލުންތެރިންގެ ކޮމެންޓުތަކުންވެސް 14 ވިލޭރޭގެ ކާމިޔާބުކަން އެނގިއްޖެ ކަމަށެވެ.
" ވަރަށް އުފާވި ފިލްމަށް ލިބުނު ތަރުހީބުން، ބެލުންތެރިންގެ ވެސް ވަނީ 14 ވިލޭރޭ ވަރަށް ލޯބިން ބަލައިގެންފަ،" ފައްތާހު ބުނެ އެވެ.