މޫސަލް (ފެބްރުއަރީ 19): އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އަތް ދަށުން އިރާގުގެ މޫސަލްގެ ހުޅަނގު ފަރާތް މިނިވަން ކުރުމަށް އެގައުމުގެ އަސްކަރިއްޔާއިން ހަނގުރާމަ ފަށައިފި އެވެ.

އެހަނގުރާމަ ފެށިކަން އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ ވަނީ އިއުލާންކުރައްވާފަ އެވެ. އަދި ހަނގުރާމަ ފަށަން އުޅޭ ކަމަށް ބުނެ އެސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ވަނީ މީގެ ކުރިން ލީފްލެޓްތައް ބަހާފަ އެވެ.

މޫސަލްގެ ހުޅަނގުގައި ގާތްގަނޑަކަށް 650،000 މީހުން ތާށިވެފައިވާ ކަމަށް ބުނާ ރިޕޯޓުތަކާ ގުޅިގެން އދ.އިން ވަނީ އެމީހުންގެ ސަލާމަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އައިއެސް އިން މޫސަލް ހިފިތާ ގާތްގަނޑަކަށް ދެ އަހަރުވީ ފަހުން، މިދިޔަ މަހު އިރާގު އަސްކަރިއްޔާ އިން ވަނީ މޫސަލްގެ އިރުމަތީ ސަރަހައްދު ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އެސިޓީގެ ހުޅަނގަކީ އިރުމައްޗާ އަޅާ ބަލާއިރު ގިނަ ބަޔަކު ދިރިއުޅޭ އަދި އައިއެސްއަށް ތާއިދު ކުރާ ޑިސްޓްރިކްޓުތައް ގިނަ ސަރަހައްދެއްކަމުން މޫސަލްގެ ހުޅަނގުން އައިއެސް ފޮނުވާލުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. (ބީބީސީ)