ހެޔޮލަފާ ރަނގަޅު ގެވެހި އަންބެއް ހޯދަން ރާއްޖޭން ބޭރަށް ބޮޑު ހަރަދުކޮށްފައި ދާ މީހުން ވަރަށް ގިނަ އެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް ދިވެހިން ބޭރު މީހުންނާ އިންނަ އަދަދު ގިނަ އެވެ. ބައެއް މީހުން ބުނާ ގޮތުން ދިވެހި އަންހެން ކުދިން ފޮނިކަމުން އަނގައިން ނުބުނާތީ އެވެ.

ނަމަވެސް ރާއްޖޭން ބޭރުން ކައިވެނިކުރާނެ މީހުން ހޯދަން ދާ މީހުން ނަގަނީ ވަރަށް ބޮޑު ރިސްކެކެވެ. މިސާލަކަށް އިންޑިއާ އިން އަންހެނަކާ އިނދެގެން ގެންނަން ބެލިޔަސް ދެލައްކަ ތިން ލައްކަ ހަރަދުވެފައި އެބަހުއްޓެވެ. އަދި ބައެއް ފަހަރު އެ ހަރަދުތައް ކުރާ ފަހުން އެ އަންހެން މީހާ ފިލާފައި ވެސް އެބަހުއްޓެވެ.

އިންޑިއާއަށް އިންނާނެ މީހެއް ހޯދަން ކުރާ ދަތުރުތަކަށް ނިމުމެއް އައުން އެކަށީގެންވޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިހެން މިކަން އޮތް އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން "ހެޔޮލަފާ ރަނގަޅު ބައިވެރިއަކު ހޯދަން އެހީވޭން" ބަޔަކު ފަށައިގެން އުޅޭ މަސައްކަތުގެ ވާހަކަ ދައްކާލަން އެބަޖެހެ އެވެ.

ހައްލަކީ ފޭސްބުކްކައިވެނި ޕޭޖް

ކައިވެނީގެ ނަމުގައި ފޭސްބުކްގައި ހަދާފައި ޕޭޖުގައި ޕޭޖު ހިންގާ ފަރާތުން ދަނީ ގިނަ ޕޯސްޓްތަކެއް އާންމު ކުރަމުންނެވެ. އެގޮތުން އާންމު މީހުން އެދިގެން އަންހެނަކު ހޯދަން ނުވަތަ ފިރިހެނަކު ހޯދަން ނޫނީ ދެ އަތްބަށް އިންނާނެ މީހަކު ހޯދަން އެ ޕޭޖުން ވަނީ އިއުލާނުކޮށްފަ އެވެ.

ކައިވެނި ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއް ---

އެ ޕޭޖުގައި އާންމުކުރާ މައުލޫމާތުގައި ހުރި މީހަކާ އިންނަން ބޭނުންވާ ނަމަކައިވެނި ފޯމުފުރަން ޖެހޭނެ ކަމަށް އެފަރާތުން ބުންޏެވެ.

އެ ޕޭޖުގެ އެޑްމިންއިން ބުނީ ކައިވެނިފޯމު މީހަކު ހޯދުމުގެ އެއްވެސް ހިދުމަތެއް ބޭނުންވާ ނަމަ އެ ފޯމު ފުރަން ޖެހޭނެ ކަމަށެވެ. ފޯމުގައި އަމިއްލަ މައުލޫމާތުތަކުގެ ތެރެއިން މީހާ ހުންނަނީ ފަލަކޮށްތޯ ކުރުކޮށްތޯ ސާފުކޮށްދޭން ޖެހެ އެވެ. އަދި އުޅޭ ވަޒީފާ އާއި މީގެކުރިން މީހަކާއިންތޯ ދަރިން ތިބޭތޯ ސުވާލުކޮށްފައިވެ އެވެ.

ކައިވެނި ޕޭޖުން ބުނީ ހިއްސާކުރާ މައުލޫމާތު ދެވަނަ މީހަކަށް ނޭނގޭނެ ކަމުގެ ޔަގީން ކަން އަރުވާ ކަމަށެވެ.

އެ ޕޭޖަށް ކޮމެންޓު ކުރާ މީހުން މަޖާ ކަމަކަށް ވެގެން އުޅެ އެވެ. އެމީހުންގެ ބައެއް ރައްޓެހިން ޓެގްކޮށް "މިއީ ރަނގަޅު ކަމެއް" ކަމަށް ބުނެފައި އެބަހުއްޓެވެ. ރާއްޖެ މީހުންނަށް އެކަން އާ ކަމަކަށް ވީ އެވެ.

ރާއްޖެގައި މިއީ އަލަށް ކުރާ ކަމެއް ނަމަވެސް ބޭރުގެ ބައެއް ގައުމުތަކުގައި މިފަދަ ޕޭޖްތަކާއި ވެބްސައިޓުތައް ހަދައިގެން ހިންގަ އެވެ. އިންޑިއާގެޝާދީ ޑޮޓް ކޮމް އަކީ ވެސް އެފަދަ ޕޭޖެކެވެ.