19 Feb 2017, 12:22
ހޮންކޮން (ފެބްރުއަރީ 19): ހޮންކޮންގެ ކުރީގެ ލީޑަރު ޑޮނަލްޑް ސަންގުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ސާބިތުވެއްޖެ އެވެ.
ސަންގަކީ ކޮރަޕްޝަނުގެ މައްސަލައެއްގައި ކުށްވެރިވި ހޮންކޮންގެ އެންމެ އިސް އޮފިޝަލެވެ.
ސަންގުގެ މައްޗަށްކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި 2010 އަކުން 2012 އަށް ހޮންކޮންގެ ލީޑަރު ކަމުގައި ހުންނެވި އިރު މަސްލަހަތަށް ފުށޫ އަރާ ފަދަ އަމަލުތައް ކުރެއްވުން ހިމެނެ އެވެ. އެގޮތުން އޭނާގެ ލީޑަރު ކަމުގެ ދަށުން ލައިސެންސް ދިން ބްރޯޑްކާސްޓް ކުންފުންޏެއް ކަމަށްވާ ވޭވް މީޑިއާގެ އިންވެސްޓަރެއްގެ ފަރާތުން ފްލެޓެއް ކުއްޔަށް ނެންގެވުން ހިމެނެ އެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ އެ ފްލެޓް ކުއްޔަށް ނެންގެވިކަން ސަންގް ހާމަ ނުކުރެއްވުމަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވުން ކަމަށް ނިންމާފަ އެވެ. އަދި އޭނާގެ މައްޗަށް މާދަމާ ހުކުމް ކުރުމަށް ނިންމާފަ އެވެ. އެ މައްސަލައިގައި ސަންގްގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.
އުމުރުން 72 އަހަރުގެ ސަންގް ވަނީ އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. (ބީބީސީ)