ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑްގެ ވޭލްސް ތަރި ގެރެތު ބޭލް ކާމިޔާބުކޮށްދިން ލަނޑާއެކު ރޭ އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި އެސްޕަންޔޯލް އަތުން ރެއާލް މޮޅުވެފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ.

ސްޕެނިޝް ލަލީގާގައި ރެއާލްއާއި އެސްޕަންޔޯލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަލްވޭރޯ މޮރާޓާއެވެ. ރެއާލްއަށް މޮރާޓާ އެ ގޯލް ކާމިޔަބުކޮށްދީފައިވަނީ މެޗުގެ 33 ވަނަ މިނިޓުގައެވެ. މޮރާޓާގެ ގޯލަށްފަހު ރެއާލް މެޑްރިޑަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވެފައެއް ނުވެއެވެ.

އެ މެޗުގައި ރެއާލްގެ ދެވެނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަނިޔާގައި ގިނަ ދުވަސްތަކެއްވަންދެން ހުރުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް ނުކުތް ވޭލްސްގެ ތަރި ގެރެތު ބޭލްއެވެ. މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުމެ މި ގޯލް ބޭލް ކާމިޔާބުކޮށްފައިވަނީ މެޗުގެ 88 ވަނަ މިނިޓުގައެވެ.

ސްޕެނިޝް ލަލީގާގައި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުޖެހުމަށްފަހު، ރެއާލްގެ ބޭލް އުފާފާޅުކުރަނީ: އެ މެޗުން ރެއާލް މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އަނިޔާއަށްފަހު އެނބުރި ދަނޑަށް އައިސް ކުޅުނު ފުރަތަމަ މެޗަށްފަހު ބޭލް އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ބުނެފައިވަނީ އެނބުރި ކުޅުމުގެ ތެރެއަށް އާދެވުނީތީ އުފާކުރާ ކަމަށާއި ސަޕޯޓަރުން ރޭގެ މެޗުގައި އޭނާއަށްކީ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބޭލްއަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ކުޅުނު މެޗުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

މި ނަތީޖާއާއެކު ސްޕެނިޝް ލަލީގާގައި ރޭއާލް މެޑްރިޑް އޮތީ 52 ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގެ އެއްވަނާގައެވެ. ދެވަނާގައި 49 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ. ތިން ވަނާގައި އޮތީ 48 ޕޮއިންޓާއެކު ބާސެލޯނާއެވެ.