28 Jun 2011, 14:05
ލ. ފޮނަދޫ ބަނދަރުގައި އޮތް ފެރީއެއްގައި ތިބި ދެ މީހަކަށް ރޭ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ގަމު ހޮސްޕިޓަލްގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިން ޑިރެކްޓަރު އަލީ ފައިސަލް މިއަދު ވިދާޅުވީ އެ މާރާމާރީގައި އަނިޔާވި ދެ މީހުން އެ ހޮސްޕިޓަލަށް ގެންދިޔައީ ރޭ ފަތިހު ގާތްގަނޑަކަށް ހަތަރެއްޖަހާ އެހާކަންހާއިރު ކަމަށާއި އޭގެ ތެރެއިން އެކަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
"އެންމެ ބޮޑަށް އަނިޔާވެފައިވާ ލ. މާވަށު ރެޑިއަމްގޭ ހުސައިން އާދަމް 28 އަހަރު އިތުރަށް ފަރުވާ ދިނުމަށްޓަކައި މާލެ ފޮނުވާލުމަށް މިހާރު މިދަނީ މަސައްކަތް ކުރަމުން. އޭނާގެ އަތުގެ ކުޑަހުޅުގެ ނާރުތަކާއި ލިގަމެންޓް ވެސް ވަނީ ވަރަށް ބޮޑަށް ބުރިވެފައި،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ މާރާމާރީގައި އަނިޔާވެގެން ގެނައި ދެވަނަ މީހާއަކީ ލ. މާވަށު ޖަލީލާ މަންޒިލް، އުމުރުން 36 އަހަރުގެ އާދަމް ހުސައިން ކަމަށެވެ. އަދި އޭނާގެ ފައިގެ ކަށިގަނޑެއް ބިނދިފައިވާ ކަމަށާއި އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"ހުސައިން އާދަމްގެ އަތުގެ ކުޑަހުޅު، ނާރުތަކާ އެކީ އެހާ ބޮޑަށް ބުރިވެފައިވާތީ އޭނާގެ ގައިން ވަނީ ވަރަށް ގިނައިން ލޭ ބޭރުވެފައި. އެހެންވެ އޭނާ މާލެ ފޮނުވުމަށް މިހާރު މިދަނީ މަސައްކަތް ކުރަމުން." ފައިސަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ ލ. ފޮނަދޫ ބަނދަރުގައި އޮތް ފެރީއެއްގައި ރޭ މާރާމާރީއެއް ހިންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އެ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ އެކަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.