ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރުމުގެ މައްސަލާގައި އެމްޑީޕީ އާއި ޑީއާރްޕީ/ޕީއޭ ކޯލިޝަނުން ދޫނުދީފި ނަމަ، މަޖިލީހުގެ ތަޅުމުން އެ މައްސަލަ ހައްލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފި އެވެ.
މިއަދުގެ ޖަލްސާ ދެ ފަހަރެއްގެ މަތިން ފަސް ކުރުމަށް ފަހު، މެންދުރު ފަހު ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެއްގުމެއްގެ ގޮތުގައި އަބްދުﷲ ޝާހިދު ވިދާޅުވީ ކޮމެޓީތަކަށް މެންބަރުން ބެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސިޔާސީ ޕާޓީތަކަށް އެއް ދުވަހުގެ މުހުލަތެއް ދޭނެ ކަމަށެވެ. އަދި މާދަމާގެ މަޝްވަރާތަކުގައި ވެސް ހައްލެއް ނުލިބިއްޖެ ނަމަ ދެން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެންނާނެ ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ ކޮމެޓީތަކަށް މެންބަރުން ބެހިގެންދާނީ މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ މެންބަރުންގެ ނިސްބަތަށް ބަލައިގެން ކަމަށެވެ. އެ ނިސްބަތުން މަޖިލީހުގެ ކޮންމެ ކޮމެޓީއެއްގެ 11 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ފަސް ގޮނޑި ލިބެ އެވެ. ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ކޮންމެ ކޮމެޓީ އަކުން ހަތަރު ގޮނޑި ލިބޭނެ އެވެ. އަދި ކޮންމެ ކޮމެޓީއެއްގައި ހިމެނޭ ބާކީ ދެ ގޮނޑި ބެހިގެންދަނީ މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީގެ މެންބަރުގެ އިތުރުން މިނިވަން އަށް މެންބަރުންގެ މައްޗަށެވެ.

ހިޔާލުތަފާތުވުންތައް އުފެދި ހައްލު ނުލިބިގެން އުޅެނީ ކޮންމެ ކޮމެޓީއެއްގައި ހިމެނޭ ބާކީ ދެ ގޮނޑި ބަހާނެ ގޮތަކާ މެދު އެވެ.