18 Feb 2017, 18:22
ކުއަލަލަމްޕޫރު(ފެބްރުއަރީ 18): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބޭ ކިމް ޖޮންގް ނަމް އަވަހާރަކޮށްލުމާ ގުޅިގެން މެލޭޝިއާއިން، އުތުރު ކޮރެއާގެ މީހަކު ހައްޔަރުކޮށްފި އެވެ.
މެލޭޝިއާގެ ފުލުހުން ބުނި ގޮތުގައި ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ކިމް ޖޮންގް ނަމް އަވަހާރަކޮށްލުމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރީ ޖޮންގް ޗޮލް ނަމަކަށް ކިޔާ 46 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކުރީ އިއްޔެ ހަވީރު ކުއަލަލަމްޕޫރު ކައިރިން ކަމަށް ފުލުހުން ބުނެ އެވެ.
އެހާދިސާއާ ގުޅިގެން މެލޭޝިއާއިން ވަނީ މީގެ ކުރިން އެގައުމުގެ ފިރިހެނަކާއި، އިންޑޮނޭޝިއާގެ އަންހެނަކާއި، ވިއެޓްނާމުގެ ޕާސްޕޯޓެއް އޮތް އަންހެނަކު ހައްޔަރުކޮށްފައެވެ.
ކިމް ޗޮލްގެ ނަމުގައި ދަތުރުކުރައްވަމުން ގެންދެވި ފަރާތަކީ ކިމް ޖޮންގް ނަމް ކަން މެލޭޝިއާއިން ޔަގީންކޮށްދިނީ އޭނާ އަވަހާރަވިތާ ހަތަރު ދުވަސް ފަހުން ބުރާސްފަތި ދުވަހެވެ. ނަމަވެސް އޭގެ ކުރިން ދެކުނު ކޮރެއާއިން ވަނީ ކިމް އަވަހާރަވިކަން ޔަގީންކޮށްދީފައެވެ. އަދި އެގައުމުން ވަނީ ކިމް އަވަހާރަކޮށްލީ އުތުރު ކޮރެއާއިން ކަމަށް ތުހުމަތުކޮށްފައެވެ.
ފުލުހުން ގަބޫލު ކުރާ ގޮތުގައި ކިމް އަވަހާރަކޮށްފައި ވަނީ އޭނާގެ މޫނަށް ވިހައެއް ސްޕްރޭކޮށްގެންނެވެ. އަދި ކިމްގެ ޕޯސްޓުމޯޓަމް ހެދި ނަމަވެސް އޭގެ ނަތީޖާ މެލޭޝިއާއިން ހާމަ ނުކުރެ އެވެ.
އުތުރު ކޮރެއާއިން ވަނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށާއި ކިމްގެ ހަށިގަނޑު އެގައުމާ ހަވާލު ކުރުމަށް ބުނެފައެވެ. ނަމަވެސް މެލޭޝިއާއިން ވަނީ ކިމްގެ ހަށިގަނޑު ހަވާލު ކުރާނީ އޭނާގެ ގާތްތިމާގެ ބޭފުޅެއްގެ ޑީއެންއޭ ސާމްޕަލެއް ލިބުމުން ކަމަށް ބުނެފައެވެ.
ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ އުތުރު ކޮރެއާއިން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އަދި ހޯދިފައެއްނުވެ އެވެ. އަދި އެކަމާ ބެހޭ ގޮތުން އުތުރު ކޮރެއާއިން ވަކި އެއްޗެކޭ ބުނެފައެއްވެސް ނުވެއެވެ. (ބީބީސީ)