28 Jun 2011, 13:41
ހދ. ވައިކަރަދޫގައި 24 ގަޑިއިރުގެ ކަރަންޓުގެ ހިދުމަތް ދެމުން އަންނަތާ މިހާރު 22 އަހަރު ވެއްޖެ އެވެ. އެކަމަކު އިއްޔެ މެންދުރު 1:49 އަކުން ފެށިގެން މުޅި ރަށުގައި އެއްގޮތަކަށް ވެސް ކަރަންޓެއް ނެތެވެ. އިންސާނަކު ނޭވާ ހުސްވެގެން މަރުވާ ފަދައިން އިންޖީނުން ތެޔޮ ހުސްވެގެން ކަރަންޓް ކެނޑުނީ އެވެ. އިންޖީނުގެއަށް ތެޔޮ ދޭކަށް ރަށުގެ ކައުންސިލުން ބޭނުމެއް ނުވެ އެވެ. ދަރަންޏަށް ތެޔޮ ހޯދާކަށް އިންޖީނުގެއިން ވެސް ބޭނުމެއް ނުވެ އެވެ. އެއާއެކު ވައިކަރަދޫ ރައްޔިތުން ވަނީ މީގެ 22 އަހަރު ކުރިން އުޅުނު ފަދަ ގޮތަކަށް އުޅެން ޖެހިފަ އެވެ.
"ވަރަށް އުނދަގޫ މިހާރު އުޅެން ވެސް. މިރަށުގައި އަބަދުވެސް 24 ގަޑިއިރު ކަރަންޓު ހުންނާނެ. 22 އަހަރުވީ އެގޮތަށް އުޅޭތާ. ދެން މިހާރު ފެންވަރާ ހަދަން ވެސް ވަރަށް އުނދަގޫ،" ރަށު ކައުންސިލްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ރަށުގެ ހޮސްޕިޓަލުން ހިދުމަތް ދިނުމަށް ވެސް މިހާރު ދަތިތަކެއް ދިމާވެފައިވާ ކަމަށާއި އޮކްސިޖަން ފަދަ ތަކެތި މިހާރު ނުދެވޭނެ ކަމަށެވެ. އަދި މިހާރު ޓެމްޕަރޭޗާ ވަކި މިނެއްގައި ބަހައްޓަންޖެހޭ ބޭސް ފަދަ ތަކެތި އެ އަތޮޅު ނޭކުރެންދޫއަށް ފޮނުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 1200 އެއްހާ މީހުން އުޅޭ ވައިކަރަދޫގައި ކަރަންޓުގެ މައްސަލަ ޖެހެން ދިމާވި ސަބަބަކީ ރަށު އިންޖީނުގެ ހިންގަމުންދާ "ވިނަރެސް" ޖަމިއްޔާ އުވާލުމަށް ހޯމް މިނިސްޓްރީން އެންގުމުން، ދަރަންޏަށް ތެޔޮ ގެންނަން އެ ޖަމިއްޔާއިން ބޭނުން ނުވުމެވެ. އެކަމަކު ތެޔޮ ދިނުމަށް އެ ޖަމިއްޔާއިން ވަނީ ރަށު ކައުންސިލުގައި އެދިފަ އެވެ. ނަމަވެސް ޖަމިއްޔާއިން އެއްވެސް ވަރަކަށް މަޝްވަރާ ކުރުމަށް ބޭނުންނުވާތީ ކައުންސިލުން ވަނީ ތެޔޮ ދިނުމަށް ނުވަތަ ތެލަށް ހަރަދު ކުރުމަށް އިންކާރުކޮށްފަ އެވެ.
ވައިކަރަދޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ފުލުހުން ވެސް ރެއިން ފެށިގެން ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. ޖަމިއްޔާ އާއި ރަށު ކައުންސިލާ ދެމެދު ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލު ކުރުމަށް ވެސް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ރަށުން ކަރަންޓު ކެނޑުނުތާ 24 ގަޑިއިރުވީ އިރު ވެސް މިހާތަށް ވެސް އަލިމަގެއް ވަނީ ނުފެނިފަ އެވެ.
ކަރަންޓުގެ މައްސަލައަށް ކޮންމެވެސް ހައްލެއް ހޯދުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އިންޖީނުގެ ހިންގުމަށް އަމުރުކޮށްދިނުމަށް އެދި ރަށު ކައުންސިލުން ވަނީ ކޯޓުގައި ވަގުތީ އަމުރަކަށް އެދިފަ އެވެ.
"މެންދުރު ފަހުގެ ވަގުތެއްގައި ވަގުތީ އަމުރެއް ލިބޭނެ ކަމަށް މި އުންމީދު ކުރަނީ. އަޅުގަނޑުމެން ކައުންސިލުން އެދިފައިވާނީ އިންޖީނުގެ ހިންގުމަށް އަމުރުކޮށްދިނުމަށް،" ކައުންސިލް ރައީސް ވިދާޅުވި އެވެ.
ކޯޓުން އަމުރު ނެރުނުތޯ ބެލުމަށް ފަހުން ގުޅާނެ ކަމަށް ސަން އޮންލައިނުން ބުނުމުން ވަހީދު ވިދާޅުވީ "ފޯނުން ބެޓެރީގެ ޗާޖު ހުސްވާތީ" ފަހަރެއްގައި ނުގުޅިދާނެ ކަމަށެވެ.
އެ މައްސަލައިގައި ކޮމެންޓެއް ހޯދުމަށް ވިނަރެސް ޖަމިއްޔާގެ ރައީސް އަބްދުލްވާހިދު ޔޫސުފާ ވެސް ގުޅޭ ގޮތް ވަނީ ނުވެފަ އެވެ. ބެލެވޭ ގޮތުން އޭނާގެ ފޯނު ވެސް އޮތީ ނިވިފަ އެވެ.