ހަރާރޭ (ފެބްރުއަރީ 18): ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭ އަވަހާރަވިޔަސް އަންނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އެގައުމުގެ ރައްޔިތުން އޭނާއަށް ވޯޓު ދޭނެ ކަމަށް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވިދާޅުވެއްޖެ އެވެ.

އެކަމަނާ އެފަދައިން ވިދާޅުވީ ޒިމްބާބުވޭގެ ވެރިކަން ކުރާ ޕާޓީން ބޭއްވި ކެމްޕެއިން ރެލީއެއްގަ އެވެ.

"މުގާބޭ އަވަހާރަވުމުން ވެސް އޭނާ އިންތިހާބުގައި އަޅުގަނޑުމެން ބައިވެރިކުރާނަން. އޭރުން ފެނިގެންދާނެ މުގާބޭގެ ގަބުރަށްވެސް މީހުން ވޯޓު ދޭތަން. ރައްޔިތުންގެ ލޯބި އެމީހުންގެ ރައީސަށް އޮތްކަން އެހެން މީހުންނަށް ދެއްކުމަށްޓަކައި،" ގްރޭސް މުގާބޭ ވިދާޅުވި އެވެ.

ރައީސް މުގާބޭގެ ޕާޓީން ވަނީ އަންނަ އަހަރު އޮތް ރިޔާސީ އިންތިހާބަށް އެޕާޓީން ނެރޭނެ ކެނޑިޑޭޓަކީ 92 އަހަރުގެ މުގާބޭކަން އިއުލާންކޮށްފަ އެވެ. ރައީސް މުގާބޭ ޒިމްބާބުވޭގެ ވެރިކަން ކުރައްވާތާ 29 އަހަރުވެއްޖެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް މުގާބޭ ހެލްތް ޗެކަޕަކަށް ދުބާއީއަށް ވަޑައިގަތުމާ ގުޅިގެން އޭނާ އަވަހަރަވި ކަމަށް ހަބަރު ފެތުރުނެވެ. އެހަބަރުތައް އިޝާރާތް ކުރައްވާ މުގާބޭ ވަނީ އޭނާ ޒިމްބާބުވޭއަށް އަނބުރާ ވަޑައިގެންނެވީ އަލުން ދިރިގެން ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)