އޯޓިޒަމް ހުންނަ އުމުރުން 14 އަހަރުގެ ލ. މާވަށް، މާބަގީޗާގޭ، އަހުމަދު ނަބީހު މިވަނީ ކީރިތި ގުރުއާން ހިތުދަސްކޮށްފަ އެވެ. މިއަދު އޭނާއަކީ ހާފިޒެކެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މައުލޫމާތު ދޭ ގޮތުގައި މި މަހުގެ ފުރަތަމަ ހަފްތާގައި ނަބީހް ގުރުއާން ހިތުދަސްކޮށް ކިޔައިދީފައިވާއިރު މިއީ މިފަދަ ކުއްޖަކު ރާއްޖޭގައި ގުރުއާން ހިތުދަސް ކުރި ފުރަތަމަ ފަހަރެވެ.

ނަބީހުގެ އުމުރުން ދެ އަހަރު ބައިން ފެށިގެން ގުރުއާން ކުލާސްތަކަށް ދާން ފެށި އެވެ. އޯޓިޒަމްގެ ސަބަބުން އެހެން ކުދިނާއި އޭނާގެ އުޅުން ވަރަށް ތަފާތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނަބީހް، އަމިއްލަ މީހުން ހިންގާ ތިން ގުރުއާން ކުލާހަކުން ވަނީ ކިޔަވައި ނުދީ ފޮނުވާލާފައެވެ.

"އެހެން ކުދިންނާ ތަފާތުވާނެ، ބުނާ ގޮތަށް ނުހަދާނެ ނޫންތޯ. މިކަހަލަ [އޯޓިޒަމް] ކުއްޖެއްވީމަ، އެހެންވެ ކުލާސްތަކުން ބޭރުކޮށްލަނީ، މިތާ ކައިރި އިންނަ މިސްކިތު ގުރުއާން ކުލާހުން ވެސް އަތުގައިހިފާ ދަމާފަ ބޭރުކުރީ، ވަރަށް ހިތްދަތި ހާދިސާތަކަކަށްފަހު މިހާ ހިސާބަށް އާދެވުނީ،" ނަބީހުގެ މަންމަ އައިމިނަތު މުހައްމަދު އެ ހިތްދަތި ދުވަސްތައް ކިޔައިދެމުން ބުންޏެވެ.

ގުރުއާން ހިތުދަސް ކުރަން ތިން މަސް!

ބަލި ކުއްޖަކަށްވީތީ ގުރުއާން ކުލާސްތަކުން ފުރުސަތު ނުލިބުމުން ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކު ނަބީހުގެ ގެއަށް ޓީޗަރަކު ގެނެސްގެން ގުރުއާން ކިޔަވަން ފެށިއެވެ. އަބަދުވެސް ނަބީހުގެ ހުރިހާ ޝައުގުވެރިކަމެއް ގުޅިފައި އޮންނަނީ ގުރުއާނާއެވެ.

"ނަބީހުގެ ރަހުމަތްތެރިއަކީ ވެސް ކީރިތި ގުރުއާން އަބަދުވެސް، ދެން އޭނަ އަބަދުވެސް ގުރުއާނުގެ ތެރޭގައި އުޅޭނީ، ދެން އަޅުގަނޑު ފާހަގަވީ ދަސްވިކަން،" ނަބީހުގެ މަންމަ ބުންޏެވެ.

ގެއަށް ގެނައި ޓީޗަރުގެ އެހީތެރިކަމާއެކު ނަބީހުގެ ހުނަރު ވަރަށް އިތުރުވެގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފަސޭހަ ކަމާއެކު ގުރުއާން ހިތުދަސް ކުރަން ފެށިއެވެ.

"ފަސް ވަރަކަށްފަހަރު ގުރުއާން ބަލާލަން ޖެހޭނީ، ދެން އިންނާނީ ހިތުދަސްވެފަ، ހިތުދަސްކުރަން ފެށިތާ ތިން މަސް ތެރޭގައި ހިތުދަސްކުރީ، މިއީ ގުދުރަތީ މުއިޖިޒާތެއްކަހަލަ ކަމެއް، ހައިރާންވޭ ނަބީހް ކިޔާލެއް ފަރިތަަކަމުން، ﷲ އަށް ޝުކުރުވެރިވަން،" ނަބީހުގެ މަންމަ ބުންޏެވެ.

ވާނީ ގުރުއާން ޓީޗަރަކަށް: ނަބީހް

އޯޓިޒަމްގެ އިތުރުން ނަބީހަކީ ވާހަކަ ދެއްކުމުގައި ވެސް ތަފާތެއް ހުންނަ ކުއްޖެކެވެ. އާންމުކޮށް މީހުން ވާހަކަ ދައްކާ އުޅޭ ގޮތްގޮތަށް ނަބީހުއަށް ވާހަކައެއް ނުދެއްކެއެވެ.

ހާފިޒަކަށްވުމުގެ ޝަރަފް ހޯދުމަށްފަހު ނަބީހް ސަން އަށް ބުނީ ވަރަށް އުފާވެއްޖެ ކަމަށާއި ދެން ވާނީ ގުރުއާން ޓީޗަރަކަށް ކަމަށެވެ.

ގުރުއާން ކިޔެވުމުގެ ހުނަރު އިންތިހާއަށް ހުރި ނަބީހަކީ މަދަހަ އާއި ލަވަވެސް ކިޔާ ކުއްޖެކެވެ. އޭނާގެ އަމިއްލަ މަދަހަ އަލްބަމެއް ކަމަށްވާ "އަހަރެންގެ ދަތުރު" ވަނީ މިދިޔަ ނޮވެމްބަރުމަހު ނެރެފައެވެ.

ގުރުއާން ހިތުދަސް ކުރުމަކީ ދެ ދުނިޔޭގައި ވެސް ސަވާބާއި ދަރުމަ ލިބޭ ކަމެކެވެ. ގުރުއާނާ ބެހޭ މަރުކަޒުން ބުނީ ހާފިޒުކަން ލިބުމާއެކު ނަބީހުއަށް ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވަންސް އެއް ލިބޭނެ ކަމަށެވެ.

ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން އެ ދުވަހު އޭނާ ކުލާހުން ބޭރުކުރީ ކުޅެދޭ މީހުންނެވެ. ނަމަވެސް މިއަދު އޭނާ އެވަނީ އެމީހުންނަށްވުރެ ކުޅެދޭ މީހަކަށްވެފައެވެ. އެ ކުލާސްތައް އެގޮތަށް ހިންގަ ހިންގާ ހުއްޓައި ހާފިޒަކަށް އެވީ ނަބީހުއެވެ.