މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ބަދަލުވެފައި ވާތީ މެންބަރުން ކޮމެޓީތަކަށް ބެހުމުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލު ކުރަން ޖާގަދިނުމުގެ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ދެ ފަހަރަށް ފަސްކުރުމަށް ފަހު މަޝްވަރާތައްކުން ކާމިޔާބީއެއް ލިބިފައިނުވުމުން، މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ އަމީން އާންމު މިއަދު ވިދާޅުވީ މަޝްވަރާތައް ކުރިއަށް ދާތީވެ، ދެ ފަހަރެއްގެ މަތިން މިއަދުގެ ޖަލްސާ ފެށުން ފަސްކުރުމަށް ފަހު އެންމެ ފަހުން މިއަދުގެ ޖަލްސާ ނުބާއްވާ ގޮތަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވާފައިވާ ކަމަށެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ ހެނދުނު 9:00 ފެށުމަށް ފަހު، ހެލްތު މިނިސްޓަރު އައިނަތު ޖަމީލަށް ސުވާލު ކުރުމަށް އެޖެންޑާ ކުރި މަސައްކަތް ނިންމާލުމަށް ފަހު، ޖަލްސާ މެދު ކަނޑާލީ މަޝްވަރާތަކަށް ތަންދިނުމުގެ ގޮތުންނެވެ. އެ ގޮތުން 11 ޖަހާއިރު ފަށަން ނިންމި ޖަލްސާ ފަސްކުރީ 1:00 ޖަހާއިރު ފަށާ ގޮތަށެވެ. ނަމަވެސް މަޝްވަރާތަކުން ކުރިއެރުމެއް ނުލިބިގެން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންގޮސް ހުއްޓާލަން ނިންމީ ކޮމެޓީތަކަށް މެންބަރުން އައްޔަންނުކޮށް، މަޖިލިސް ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސަ މަނިކު އިންޒާރު ދެއްވާފައިވާތީ އެވެ.

ކޮމެޓީތަކަށް މެންބަރުން އައްޔަން ނުކުރެވުމުން މަޖިލީހުގައި "އުފެއްދުންތެރި" މަސައްކަތް ވަނީ ހުއްޓިފަ އެވެ. ސަބަބަކީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ހިނގަނީ ކޮމެޓީތަކުގައި ކަމަށް ވާތީ އެވެ. ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ތިން ހަފްތާވެއްޖެ އެވެ.

ޑީއާރްޕީ/ޕީއޭ ކޯލިޝަން އާއި އެމްޑީޕީން ވެސް ކަންބޮޑުވަނީ މުހިއްމު ކޮމެޓީތަކުން މެޖޯރިޓީ ގެއްލިގެންދާނެތީ އެވެ.
މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ ކޮމެޓީތަކަށް މެންބަރުން ބެހިގެންދާނީ މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ މެންބަރުންގެ ނިސްބަތަށް ބަލައިގެން ކަމަށެވެ. އެ ގޮތުން މިހާރު މަޖިލީހުގައި ޕާޓީތަކުގެ ނިސްބަތަށް ބަލާ އިރު، އެމްޑީޕީ އަށް މަޖިލީހުގެ 45 ޕަސެންޓް ލިބިފައިވާ އިރު ޑީއާރްޕީ/ޕީއޭ ކޯލިޝަން 39 ޕަސެންޓް ލިބެ އެވެ. މިނިވަން މެންބަރުންނާއި ކުދި ޕާޓީތަކަށް ލިބެނީ 16 ޕަސެންޓެވެ. އެ ނިސްބަތުން މަޖިލީހުގެ ކޮންމެ ކޮމެޓީއެއްގެ 11 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ފަސް ގޮނޑި ލިބެ އެވެ. ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ކޮންމެ ކޮމެޓީއަކުން ހަތަރު ގޮނޑި ލިބޭނެ އެވެ. އަދި ކޮންމެ ކޮމެޓީއެއްގައި ހިމެނޭ ބާކީ ދެ ގޮނޑި ބެހިގެންދަނީ މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީގެ މެންބަރުގެ އިތުރުން މިނިވަން އަށް މެންބަރުންގެ މައްޗަށެވެ.

ހިޔާލުތަފާތުވުންތައް އުފެދި ހައްލު ނުލިބިގެން އުޅެނީ ކޮންމެ ކޮމެޓީއެއްގައި ހިމެނޭ ބާކީ ދެ ގޮނޑި ބަހާނެ ގޮތަކާ މެދު އެވެ.