17 Feb 2017, 23:48
ހާހަކަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކާ އެކު ޔޫތް ކެރިއާ އެކްސްޕޯ މާދަމާ ފެށުމަށް ހަމަޖެހިއްޖެ އެވެ.
އެ އެކްސްޕޯއަކީ އިކޮނަމިކް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ބާއްވާ އިވެންޓެކެވެ.
އެޗްޑީސީގެ އެސްސްޓެންޓް ޑިރެކްޓަރު މުހައްމަދު ސިރާޖު ވިދާޅުވީ އެ ފެއާގައި ސަރުކާރުގެ މުވައްސަސާތަކުންނާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ބައިވެރިވާ ކަމަށެވެ. އަދި ޓިވެޓްއާއި ނޭޝަނަލް ކެރިއާ ގައިޑެންސްއިން ވެސް އެ ފެއާގައި ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކެރިއާ އެކްސްޕޯ ރާއްޖޭގައި މިހާތަނަށް ބޭއްވި މިފަދަ އެހެން އެކްސްޕޯތަކާ ވަރަށް ތަފާތުވާނެ. އެކި ފީލްޑްތަކުގެ މަޝްހޫރު މީހުން ކުރިއަރައިގެން އައި ގޮތާއި އިންޑަސްޓްރީތަކުގެ ބޮޑެތި މީހުން ކުރިއަރައިގެން އައި ގޮތުގެ ސުޕީޗުތައް ގެނެސްދޭނެ،" ސިރާޖު ވިދާޅުވި އެވެ.
މީގެ އިތުރުން ވަޒީފާ އިންޓަވިއުގައި ދޭނެ ޖަވާބުތަކާއި، ބޮޑެތި ކުންފުނިތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވި ގޮތުގައި އެ ފެއާގައި ފަސް ރިސޯޓަކާއި ސަރުކާރު މުވައްސަސާތައް އަދި ކުންފުނިތައް ހިމެނޭ ގޮތަށް ޖުމްލަ 26 ސްޓޯލް ހިމެނޭނެ އެވެ. ސްޓޯލްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިރާޖް ވިދާޅުވި ގޮތުގައި ވާޒީފާގެ ދާއިރާ އިން ޒުވާނުންނަށް ހުރި ފުރުސަތްތަކުގެ މައުލޫމާތު ދީ ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން ޒުވާނުން ހޭލުންތެރި ކުރުވުމެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ އެކްސްޕޯގައި 1000 ޒުވާނަކަށް ވަޒީފާގެ ފުރުސަތު ކަށަވަރުވާނެ ކަމަށާއި، އެކްސްޕޯއަށް ވަޑައިގަންނަވާ އިރު ސީވީ ގެނައުމަށް އެދޭ ކަމަށެވެ.
މި ފެއާ މާދަމާ ހަވީރު 4:00ގައި ހުޅުމާލޭގައި ހުންނަ ރެހެނދި ސްކޫލުގައި ފަށާނެ އެވެ. ފެއާ ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ފެއާ ކުރިއަށްދާނީ މާދަމާ ރޭ 10:00 އާ ހަމައަށެވެ.