28 Jun 2011, 13:23
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރްޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުން ހައްލުކުރުމަށް ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމާއި ޕާޓީގެ ލީޑަރު ތަސްމީން އަލީގެ މެދުގައި ބާއްވާ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރެއް އަންނަ ހަފުތާގައި ފަށާނެ ކަމަށް ވާހަކަތަކުގައި އިސްކޮށް އުޅުއްވާ ކައުންސިލަރު ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެއަށް ނިސްބަތްވާ 13 ކައުންސިލަރަކު އިސް ނަގައިގެން މި މަހުގެ ކުރީ ކޮޅުން ފެށިގެން ފަށާފައިވާ ސުލްހައިގެ ވާހަކަތަކުގައި އިސްކޮށް އުޅުއްވާ މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސައީދު މިއަދު ވަނީ ޑީއާރްޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. ސައީދު މިއަދު ވިދާޅުވީ ލީޑަރު ތަސްމީނާއި ޒައީމް މައުމޫންގެ ސުލްހައިގެ ވާހަކަތަކުގައި ދެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް ތިން މެންބަރުންގެ ޓީމެއް ބައިވެރިވެވަޑައިގަންވާ ކަމަށެވެ.
ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
"އަޅުގަނޑުމެން ޒައީމް މައުމޫނާއި ތަސްމީނާ ވެސް ބައްދަލުކޮށްފިން. އެ ދެ ބޭފުޅުން ވެސް ތިއްބެވީ އެއްވެސް ޝަރުތެއް ނެތި މިކަމުގައި ކުރިއަށްދާން. އެކަން ފުރަތަމަ ބައްދަލުވުމުން އެނގިގެން ހިނގައްޖެ. ދެ ވަނަ ބައްދަލުވުން އޮންނާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައި،" ސައީދު ވިދާޅުވި އެވެ.
ތަސްމީނާއި ޒައީމްގެ ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރެއް ސިއްރުވެރިގޮތެއްގައި ބޭއްވިއިރު އެ ވާހަކަތަކުގައި ތަސްމީންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމާއި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމާއި ތަސްމީންގެ ތަރުޖަމާން އާލިމް ޝަކޫރުކަމަށް ސައީދު ވިދާޅުވި އެވެ. މައުމޫންގެ ފަރާތްޕުޅުން ބައިވެރިވެ ވަޑައިގެންނެވީ ޑރ. މުހަންމަދު ސައުދާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދާއި އަދި މުހަންމަދު ޝިޔާމް (ތެމާ) އެވެ.
ފުރަތަމަ ބުރުގެ މަޝްވަރާތަކުގައި ކަރުދާހަކަށް މަޝްވަރާ ކުރަން އެއްބަސް ވެފައިވާކަމަށާއި މައުމޫންގެ ފަރާތްޕުޅުން ލިބެންޖެހޭ ކަރުދާސް ލިބިފައިވާއިރު ތަސްމީންގެ ކަރުދާސް އަންނަ ބުރާސްފަތި ދުވަހު ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޒައީމް ހުށަހެޅުއްވެވި ކަރުދާހުގައިވާ މައުލޫމާތު ހިއްސާ ކުރުމަށް ސައީދު ވަނީ އިންކާރު ކުރައްވާފަ އެވެ.
"އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ބާއްވާ ޖަލްސާގައި އެ ކަރުދާހުގެ މައްޗަށް ދެ ޓީމުން ވެސް މަޝްވަރާ ކުރައްވާނެ. އޭގެ މައްޗަށް މަޝްވަރާތައް ބިނާވެގެން ދާނީ،" ސުލްހައިގެ ވާހަކަތަކުގެ މައުލޫމާތު ފުރަތަމަ ފަހަރަށް މީޑިޔާ އާއި ހިއްސާ ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
ތަސްމީން އާއި މައުމޫނާ ދެމެދުގައި އަދިވެސް ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރަމުން ދާދިއުމަށް ސައީދު ވިދާޅުވީ ސިޔާސީ ބޭފުޅުން އެބޭފުޅުންގެ ހިޔާލު މީޑިޔާގައި ހިއްސާ ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމުން ސުލްހައިގެ ވާހަކަތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"ސިޔާސީ ބޭފުޅުން މީޑިޔާގައި ވާހަކަތައް ދައްކަވާނެ. އެއީ އެހެން އޮތް ކަމެއް ނޫން. އަޅުގަނޑުމެން މިތިބީ އެއް މޭޒެއްގެ ދަށުގައި އިށީންދެގެން މިކަން ކުރިއަށް ގެންދަން. މި މަޝްވަރާތަށް ކުރިއަށް ގޮސް 2013 އަންނަން ވާއިރަށް އަޅުގަނޑުމެންނަކީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް. ދެ ބޭފުޅުންވެސް މިކަމުގައި އެއްބާރުލުން ދެއްވާ،" ސައީދު ވިދާޅުވި އެވެ.
ޑީއާރްޕީގެ ހިޔާލުތަފާތުވުން ހައްލުކުރުމަށް ޒައީމް މައުމޫނާއި ލީޑަރު ތަސްމީނާ ދެމެދު މަޝްވަރާ ކުރާއިރު މި ދިޔަ ހަފުތާގައި ޑީއާރްޕީން ބޭއްވި ޖަލްސާގައި ސުލްހައިގެ ވާހަކަތަކުގައި ޒެޑް ފެކްޝަންގެ އިހުލާސްތެރިކަމެއް ނެތްކަމަށް ތަސްމީން ވަނީ ވިދާޅުވެފަ އެވެ.