28 Jun 2011, 12:52
ރާއްޖޭގެ ބައެއް ރަށްރަށުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު އާދަޔާ ހިލާފަށް ގިނަ ކަމަށާއި އެ މައްސަލަ ދިމާވަނީ ކީއްވެގެންތޯ ބަލަން ދިރާސާ ކުރަންޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަމިނަތު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރަށް، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިމިނަތު ޖަމީލް ވިދާޅުވީ އާދަޔާ ހިލާފަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ބައެއް ރަށްރަށުގައި ގިނައިން ތިބުމުން އެ މައްސަލަ ބެލުމަށް ޓަކައި ހަދަން ޖެހޭ ދިރާސާތައް ހެދުމަށް ޓަކައި، އެފަދަ މީސްމީހުން ތިބަ ރަށްތައް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލަމުންދާ ކަމަށާއި އެ ދަފުތަރުގެ ސަބަބުން ނުކުޅެދުންތެރިކަން ހުރި މީހުން ތިބި ރަށްތައް ބޮޑަށް އެނގިގެންދާނެ ކަމަށެވެ.
"ދަފްތަރެއް އެކުލަވާލަމުން މިދަނީ. ކުރީގައި އެފަދަ ހާލަތެއްގައި ހުރި މީހަކު )ނުކުޅެދުންތެރިކަން ހުރި މީހަކު( އެދުނީމަ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ. މިހާރު ފުޅާދާއިރާއެއްގައި ދަފުތަރު ހުޅުވާލީމާ އަޅުގަނޑުމެންނަށް އެ އަދަދު ފާހަގަ ކުރެވެމުން އެބަދޭ. އަދި އެކަން ވަނީ ކޮން ތަންތަނެއްގައި ކަން ވެސް ދަފްތަރު އެކުލަވާލީމާ އިނގޭނެ، މިފަދަ ކަމެއްގެ ތެރެއިން އަޅުގަނޑު މެންނަށް ރިސާޗު ކުރުމަށް ޓަކައި.. ބައެއް ރަށްރަށުގައި އެބަހުރި ތަންކޮޅެއް އާދަޔާ ހިލާފަށް ގިނައިން [އެބަތިބި ނުކުޅެދުންތެރިކަން ހުންނަ މީހުން]. އަޅުގަނޑުމެން ބަލަން ޖެހޭ ރިސާޗުކޮށްގެން އެއީ ކިހިނެއް ވެގެން [އުޅޭ ކަމެއްތޯ]،" އައިމިނަތު ޖަމީލް ވިދާޅުވި އެވެ.
ވިހަ މާއްދާއެއް އެކުލެވޭ އިންޖެކްޝަންތަކެއް 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުގެ އަންހެނުންގެ ގަޔަށް "އެއްވެސް ދުވަސްވަރެއްގައި" ޖަހާފައިވޭތޯ އާއި ދަރިމައިވުމުގައި އެ އުމުރުގެ އަންހެނުންނަށް މައްސަލަތަކެއް އުޅޭ ކަމަށް ބުނެ، މުސްތަފާ ކުރިމަތި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ "އެފަފަ އިންޖެކްޝަންތަކެއް ޖަހާފައިވާ ކަމަށް" މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
މިއަހަރުގެ މާޗް މަހުގެ ކުރީ ކޮޅު މާބަނޑު މީހެއްގެ ދަރިފުޅު ބަނޑުތެރެއަށް މަރުވުމުން، އެ ކުއްޖާގެ ކަރުބުރިކޮށްލައިގެން، ބޮލާއި ހަށިގަނޑު ވަކިކޮށްގެން ނެގި މައްސަލަ އަދި ވެސް ތަހުގީގު ކުރަމުންދާތީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އައިމިނަތު ޖަމީލު ވިދާޅުވީ އެ މައްސަލަ "ބަލަމުންދާ" ކަމަށެވެ.