17 Feb 2017, 22:55
ވައިޓް ހައުސް (ފެބްރުއަރީ 17) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ މީޑިއާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ މީޑިއާގެ ގިނަ ވަސީލަތްތަކަކީ ހަގީގަތް އޮޅުވާލައި ފިތްނައަށް މަސައްކަތްކުރާ ނަޒާހަތްތެރިކަންނެތް ވަސީލަތްތަކެއް ކަމަށާ ނޫސްވެރިކަމަކީ ފިތްނަ އުފެއްދުމާއި ދޮގުހެދުމާއި މުޖްތަމައަށް ހަގީގަތް އޮޅުވާލުން ނޫންކަމުގައެވެ.
އެމެރިކާގެ މަޝްހޫރު އެތަށް ނޫސްވެރިންނެއް ބައިވެރިވި އެނޫސް ކޮނަފަރެންސްގައި ޓްރަމްޕް ވިދާޅުވީ ނޫސްވެރިކަމަކީ ޖަރީމާއެއް ނޫންކަމަށް ނޫސްވެރިން ބުނާއިރު ނޫސްވެރިކަމަކީ ދޮގުހެދުމާއި ހަގީގަތް އޮޅުވާލުމާއި ފިތްނަ އުފެއްދުންނޫންކަން އެމީހުންވެސް ގަބޫލުކުރަންޖެހޭނެ ކަމުގައެވެ. އެމެރިކާގެ މީޑިއާއަށް ބަހުގެ ހަމަލާތައް ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ މީޑީޔާގައި ނަޒާހަތްތެރިކަން ނެތުންވަނީ ހައްދުން ނައްޓާފައި ކަމަށާ އެމެރިކާގެ ނޫސްވެރިން މަސައްކަތްކުރަނީ އެމީހުންނަށް ފައިސާ ފޯރުކޮށްދޭ ފަރާތްތަކުގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ކަމުގައެވެ. ޓްރަމްޕް ބޭއްވެވި މި ނޫސް ކޮންފަރެންސް ދެ ގަޑީއިރަށް ދިގުދެމިގެން ގޮސްފައިވެއެވެ.
އެމެރިކާގެ މީޑިއާގެ ވަސީލަތްތަކުގެ ބޮޑުބައަކީ ހަރުކަށި ޔަހޫދީ ޒަޔަނިސްޓުން ފަންޑުކޮށްގެން ހިންގާ އެއްޗަކަށްވެފައި އެމެރިކާގެ މީޑިއާއަށް ޔަހޫދީ މަހުޖަނުން ވެރިވެގެންފައިވާ މިންވަރު ސާފުވެފައިވީނަމަވެސް ޓްރަމްޕްގެ ވާހަކާގައި މިކަމަށް އެއްވެސް ވަރަކަށް އިޝާރާތެއް ނުކުރައްވައެވެ.
ޓްރަމްޕަކީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކޭންޕޭން ކުރައްވަން ފެއްޓެވި ހިސާބުން ފެށިގެންވެސް މީޑިއާއަށް ބަހުގެ ހަމަލާތައް ދެއްވާ ބޭފުޅެކެވެ. އަދި މީޑިއާއަށް މައުލޫމާތު ދެއްވުމުގެ ބަދަލުގައި ޓްރަމްޕް އޭނާގެ ޚިޔާލުތައް (ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން) މުޅިން ކަހަލަގޮތަކަށް ފާޅުކުރައްވަމުން ގެންދެވީ ސޯޝަލް މީޑިއާގައެވެ. ޓްރަމްޕް އިއްޔެ އެމެރިކާގެ މީޑިއާއަށް ބަހުގެ ހަމަލާތައް ދެއްވީ އޭނާގެ ރިޔާސީ ޓީމާއި ރަޝިޔާއާ ދެމެދުގައި ސިއްރު ގުޅުންތަކެއްވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެމައުލޫމާތުތައް ހާމަކުރުމަށް ފަސްޖެހޭ ކަމަށްބުނެ އެމެރިކާގައި ޝާއިއުކުރި މީޑިއާ ރިޕޯޓަކާ ގުޅިގެންނެވެ.
މި ރިޕޯޓް ޝާއިޢުކޮށްފައިވަނީ "ވޯލްސްޓްރީޓް ޖޯނަލް" ގައެވެ. ޓްރަމްޕް ވަނީ މިއީ ޝައިތޯނީ ރިޕޯޓެއް ކަމަށް ސިފަކުރައްވާފައެވެ. ޓްރަމްޕްގެ ސަރުކާރުގައި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ކަމުގެ ،މަގާމު ދެއްވި މައިކަލް ފްލިން މިދިޔަ ހަފްތާގައިވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޓްރަމްޕްގެ އެންމެ ގާތް އެއްޝަޚްސިއްޔަތު ކަމަށްވާ ފްލިން މަގާމުން އިސްތިއުފާ ދެއްވީ އޭނާއަށް އެ މަގާމު ލިބިވަޑައިގަތުމުގެ ކުރިން، ވޮޝިންގްޓަންގައި ހުންނަވާ ރަޝިޔާގެ ސަފީރާ ބައްދަލުކުރައްވައި ސިޔާސީ ވާހަކަތަކެއް ދެއްކެވި މައްސަލަ ބޭޒާރުވުމާ ގުޅިގެންނެވެ.
ފްލިން މަގާމުން އިސްތިއުފާ ދެއްވީ ރައީސް ޓްރަމްޕް އެދިވަޑައިގަތުމުގެ މަތިންކަމަށްވާއިރު ޓްރަމްޕް މިކަމަށް އެދިވަޑައިގަތީ މިމައްސަލާގައި އެމެރިކާގެ އެތެރޭން ކުރިމަތިވި ފިއްތުންތަކާ އެކު އެކަމުގެ މަލާމާތް ޚުދު ޓްރަމްޕަށް ރައްދުވާތީ އެކަމުން ސަލާމަތްވެ ވަޑައިގަތުމުގެ ގޮތުންކަމަށް އެމެރިކާގެ މީޑިއާ ބުނެއެވެ.
މިމައްސަލަ ބޭޒާރުވެ ޓްރަމްޕްގެ ސަރުކާރު "ހޫނު ފެނަށް" ވެއްޓުމުން ޓްރަމްޕްގެ ދިފާއީ ވަޒީރު ވަނީ ރަޝިޔާއާ އަސްކަރީ ގުޅުންތައް ބާއްވަން ޓްރަމްޕްގެ ސަރުކާރުން މިހާރު ބޭނުންނުވާކަމަށް ވިދާޅުވެ ޓްރަމްޕާއި ރަޝިޔާގެ ރައީސް ޕޫޓިންއާދެމެދު އޮންނަ ކަމަށް ތުހުމަތުކުރެވޭ ގުޅުންތައް ނެތްކަން ދެއްކެވުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެމެރިކާގެ މީޑިއާއިން ގެންދަނީ މިކަން ބޭޒާރުކޮށް ޓްރަމްޕަށް ޒާތީގޮތުން ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.
އެމެރިކާގެ މީޑިއާއަކީ ޔަހޫދީ މުއްސަނދިންނާއި އެމެރިކާގައި "ރަސްކަންކުރާ" ނުފޫޒުގަދަ ކުންފުނިތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ އެއްޗަކަމީ މުޅި ދުނިޔެވެސް ދަންނަ ހަގީގަތެކެވެ. އަދި މުސްލިމުންނާ ދެކޮޅަށް ޕްރޮޕަގެންޑާ ކުރުމުގައާއި ޔަހޫދީންގެ މަސްލަހަތާގުޅޭ ކަންކަމުގައި އެމެރިކާގެ މީޑިއާއަކީ ނަޒާހަތްތެރިކަމުގެ ކަންފުޅެއްވެސްނެތި އާދަޔާ ޚިލާފަށް ވަކިކޮޅަކަށްބުރަވެގެން ޚަބަރާއި މައުލޫމާތު ފަތުރަމުންގެންދާ މީޑިއާއެއް ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.
(ނޫސްއެޖެންސީތައް)