ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ 15 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެ އެސޯސިއޭޝަނަށް ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ ފޯމް،ބެޑްމިންޓަން އެސޯސިއޭޝަންގެ ވެބްސައިޓުންޑައުންލޯޑް ކުރެވޭނެ އިންތިޒާމް އެ އެސޯސިއޭޝަނުން ވަނީ ހަމަޖައްސައިފައެވެ. އަދި އެ މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ދިދަ، މުބާރާތް ކުޅޭ ސަރަހައްދުގައި ބެހެއްޓުމަށް ބޭނުންވާކަމަށް ވެސް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެއެވެ.

އަންނަ މަހުގެ 15އިން ފެށިގެން 23ގެ ނިޔަލަށް ބާއްވާ އެމުބާރާތުގައި މިއަހަރު ދެ އިވެންޓެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެއީ އިންޑިވިޖުއަލް އިވެންޓާއި ޓީމް އިވެންޓެވެ.

އިންޑިވިޖުއަލް އިވެންޓުގައި ހިމެނެނީ 12 އަހަރުންދަށުގެ ސިންގަލްސްއާއި، 14 އަހަރުންދަށުގެ ސިންގަލްސް އަދި ޑަބަލްސްއާއި، 16 އަހަރުންދަށުގެ ސިންގަލްސްއާއި ޑަބަލްސް އަދި މިކްސް ޑަބަލްސްއާއި، 19 އަހަރުންދަށުގެ ސިންގަލްސްއާއި ޑަބަލްސް އަދި މިކްސް ޑަބަލްސްއެވެ.

ޓީމް އިވެޓުގައި ހިމެނެނީ 14 އަހަރުންދަށާއި، 16 އަހަރުންދަށް އަދި 19 އަހަރުންދަށެވެ. އެ ތިން އުމުރުފުރާގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.