17 Feb 2017, 00:03
ޕީޕީއެމްގެ ސަރުކާރުން ގެންނަ ތަރައްގީއަކީ ރާއްޖޭގެ އެތަން މިތަނުގައި ކޮންކްރީޓް ޖަންގައްޔެއް ބިނާ ކުރުން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް "ހޭވައްލާ"ގެ ނަމުގައި ޕީޕީއެމުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ "ހަވާސާވެގެން ގޮސްފައި ތިބި ނިކަމެތި ރައްޔިތުންތަކަކަށް" ދިރިއުޅެމެއް ހޯދައިދީ އުފާވެރިކަން ގެނެސްދިނުމައް ކަމަށެވެ.
"އަޅުގަނޑުގެ މި މަސައްކަތުގައި، ކެބިނެޓުގެ ހުރިހާ މެމްބަރުންނާއި ކުންފުނިތަކުގެ ހުރިހާ މެމްބަރުން އަޅުގަނޑަށް އެއްބާރުލުން ދެއްވާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަންފޮޓޯ// މުހައްމަދު އަފްރާހް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދޭ ވާހަކަ ރައީސް މިރޭ ވެސް ވަނީ ތަކުރާރުކުރައްވާފަ އެވެ. ވިދާޅުވީ އެބައެއްގެ ބޭނުން ނާޖާއިޒް ގޮތުގައި ބަޔަކު ހިފަމުން ދިޔަ މައުސޫމު ކުދިންތަކެއް "މެއިން ސްޓްރީމް" ކޮށްފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މީގެކުރި މަސްލަހަތު ނަގާލާ މުޖުތަމައުއެއް ބިނާ ކުރަން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ބިނާ ކުރާ އިމާރާތްތައް ދަމަހައްޓާނެ ރަނގަޅު ރައްޔިތެއް ކަމަށެވެ. ޖަލުތައް ބޮޑު ކުރާށާއި ޖަލުގެ ތޭރިތައް ކައިރިކުރަން ބޭނުން ނުވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
" އަޅުގަނޑުމެން ބޭނުންވަނީ ބަދުނަސީބުން ޖަލަށް ވަދެ ތިބި މީހުން އެމީހުން މުޖުތަމައުއަށް ނެރެވޭނެ ގޮތްތަކެއް ހޯދައިދޭން. ޝައްކެއްވެސް ނެތް ގޮތުގައި އެމީހުންގެ އުފަލަކީ އަޅުގަނޑުގެ އުފާ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޒުވާނުންނަކީ ތަރައްގީގެ ހިއްސާގައި ބައިވެރިވާ މީހުން ކަމަށް ހެދުމަކީ ސަރުކާރުގެ ބޭނުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ސަރުކާރުން މިހާތަނަށް ކޮށްފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ތަރައްގީއަށް ކުރައްވާނެ ކަންކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލާފަ އެވެ.