އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 469 ވޯޓު ބައްހައްޓާނެކަން އިއުލާނުކޮށް ވޯޓުފޮށި ބައްހައްޓާނެ ތަންތަން ކަނޑައަޅައިފި އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ވަކި ވަކި އަތޮޅުތަކުގައި ބަހައްޓާނެ ވޯޓު ފޮށިތަކުގެ މައުލޫމާތު ވަކި ވަކިން ގެޒެޓްކޮށްފަ އެވެ. އަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް 302 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށް އިއުލާނުގައިވެ އެވެ.

އޭގެ އިތުރުން މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 77 ވޯޓު ފޮށި ބަހައްޓާއިރު މާލޭގެ ރައްޔިތުންނަށް ބަހައްޓަނީ 55 ވޯޓު ފޮއްޓެވެ.

  • އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށް - 309 ފޮށި

  • މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނަށް - 77 ވޯޓު ފޮށި
  • ޖަލުތަކުގައި - ހަތަރު ފޮށި
  • ސްރީލަންކާގައި - ތިން ފޮށި
  • އިންޑިއާ - ތިން ފޮށި
  • ރިސޯޓުތަކުގައި - 21 ފޮށި
  • ސިނާއީ މަސައްކަތްކުރާ ރަށްރަށް - ހަތަރު ފޮށި

އިއުލާނުގައި ވަކި އަދަދެއް ކަނޑައަޅާފައިވީ ނަމަވެސް ރިސޯޓު ތަކާއި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ވޯޓު ފޮށި ބަހައްޓާނީ އެތަންތަނުގައި ވޯޓުލާން މަދުވެގެން 100 މީހުން ރެޖިސްޓްރީ ވެއްޖެ ނަމަ ކަމަށް އިލެކްޝަނުން ބުންޏެވެ. އަދި ހަމަ އެހެންމެ ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނަމަ ވޯޓުލާން 1000 މީހުން ރެޖިސްޓްރީ ވާން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ވޯޓުލާން ހަމަޖެހިފައިވަނީ 15 އޭޕްރީލް ދުވަހުގެ ހެނދުނު އަށަކުން ހަވީރު ހަޔަކަށް ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.