މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ބަދަލުވެފައިވާތީ މެންބަރުން ކޮމެޓީތަކަށް ބެހުމުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ހައްލު ކުރަން ބާއްވާ މަޝްވަރާތައް ކުރިއަށްދާތީވެ، މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުން 1:00 ފަސްކޮށްފި އެވެ. މިއީ މިއަދުގެ ޖަލްސާ ފަސްކުރި ދެވަނަ ފަހަރެވެ. ކުރިން ފަސް ކުރުމަށް ފަހު ފަށަން އޮތީ 11:00 ޖަހާއިރު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ ކޮމެޓީތަކަށް މެންބަރުން ބެހުމާމެދު ބާއްވާ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހެނދުނު ދަންފަޅީގެ ޖަލްސާ މެދުކަނޑާލުމަށްފަހު، މިއަދު ބާއްވާ މަޝްވަރާތައް މެދުކެޑުމެއްނެތި ހިނގަމުން އަންނަ ކަމަށެވެ. އެ މަޝްވަރާތަކުން ކުރިއެރުމެއް ލިބިފައިވާކަން ނުވަތަ ނޫންކަންވެސް ދަންނަވަން އަދި ދަތި ކަމަށް ވެސް އަމީން އާންމު ވިދާޅުވި އެވެ.

ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ މިއަދުގެ ޖަލްސާ ދެވަނަ ފަހަރަށް ފަސް ކުރީ މަޝްވަރާތަކުން ކާމިޔާބީއެއް ނުލިބޭތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ކޮމެޓީތަކަށް މެންބަރުން އައްޔަން ނުކުރެވުމުން މަޖިލީހުގެ "އުފެއްދުންތެރި" މަސައްކަތް ވަނީ ހުއްޓިފަ އެވެ. ސަބަބަކީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ހިނގަނީ ކޮމެޓީތަކުގައި ކަމަށް ވާތީ އެވެ. ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ތިން ހަފްތާވެއްޖެ އެވެ.
މެންބަރުން ކޮމެޓީތަކަށް އައްޔަން ކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު )އިބޫ( އާއި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެވެ. އަދި މަޖިލީހުގައި ހިމެނޭ ކުދި ޕާޓީތަކުގެ ލީޑަރުންނާއި މިނިވަން މެންބަރުންގެ ތެރެއިން މަންދޫބަކު އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

އެ ބޭފުޅުންނާއެކު މަޖިލީހުގެ ރައީސް އަބްދޫﷲ ޝާހިދާއި ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޑީއާރްޕީ/ޕީއޭ ކޯލިޝަން އާއި އެމްޑީޕީން ވެސް ކަންބޮޑުވަނީ މުހިއްމު ކޮމެޓީތަކުން މެޖޯރިޓީ ގެއްލިގެންދާނެތީ އެވެ.
މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ ކޮމެޓީތަކަށް މެންބަރުން ބެހިގެންދާނީ މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ މެންބަރުންގެ ނިސްބަތަށް ބަލައިގެން ކަމަށެވެ. އެ ގޮތުން މިހާރު މަޖިލީހުގައި ޕާޓީތަކުގެ ނިސްބަތަށް ބަލާއިރު، އެމްޑީޕީއަށް މަޖިލީހުގެ 45 ޕަސެންޓް ލިބިފައިވާ އިރު ޑީއާރްޕީ/ޕީއޭ ކޯލިޝަން 39 ޕަސެންޓް ލިބެ އެވެ. މިނިވަން މެންބަރުންނާއި ކުދި ޕާޓީތަކަށް ލިބެނީ 16 ޕަސެންޓެވެ. އެ ނިސްބަތުން މަޖިލީހުގެ ކޮންމެ ކޮމެޓީއެއްގެ 11 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ފަސް ގޮނޑި ލިބެ އެވެ. ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ކޮންމެ ކޮމެޓީއަކުން ހަތަރު ގޮނޑި ލިބޭނެ އެވެ. އަދި ކޮންމެ ކޮމެޓީއެއްގައި ހިމެނޭ ބާކީ ދެ ގޮނޑި ބެހިގެންދަނީ މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ގައުމީ ޕާޓީގެ މެންބަރުގެ އިތުރުން މިނިވަން އަށް މެންބަރުންގެ މައްޗަށެވެ.

ހިޔާލުތަފާތުވުންތައް އުފެދި ހައްލު ނުލިބިގެން އުޅެނީ ކޮންމެ ކޮމެޓީއެއްގައި ހިމެނޭ ބާކީ ދެ ގޮނޑި ބަހާނެ ގޮތަކަށެވެ.