ސްޕެއިންގެ އެތްލެޓީކޯ މެޑްރިޑަށް ކުޅެމުން އައި ޒުވާން ގޯލްކީޕަރު ޑޭވިޑް ޑެގޭ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އެ ކްލަބުގެ މެޑިކަލް ޓެސްޓްތައް ފުރިހަމަކޮށްފި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އެއް ނަންބަރު ކީޕަރު އެޑްވިން ވެންޑަސާ މިދިޔަ މަހު ރަސްމީކޮށް ރިޓަޔާ ކުރިކަން އިޢުލާން ކުރުމުގެ ކުރިންވެސް މެން ޔުނައިޓެޑުން ދިޔައީ ދެ ކީޕަރަކަށް ފާރަލަމުންނެވެ. ފުރަތަމަ ބެލީ ޝާލްކޭއިން ބެޔާންއަށް ބަދަލުވި ކީޕަރު މެނުއަލް ނޯޔާ ހޯދާށެވެ. ނޯޔާ ނުލިބުމުން ދެން ފާރަލީ ޑެގޭއަށެވެ.

ސްޕެއިންއަށް 21 އަހަރުންދަށުގެ ޔޫރޯ ތަށި ހޯދައިދިނުމަށްފަހު މެންޔޫ އަށް ބަދަލުވުމުގެ ކަންތައްތައް ފުރިހަމަ ކުރަމުން އަންނަ ކީޕަރު ޑެގޭ އަށް މެ 15.8 މިލިޔަން ޕައުންޑް މެންޔޫ އިން ދޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑެގޭ މެންޗެސްޓާ ޔުނައިޓްގެ މެޑިކަލް ފުރިހަމަ ކުރުމުން ލިވަޕޫލްގެ ސްޕެއިން ތަރި، ކީޕަރު ޕެޕެ ރޭނާ ވަނީ ޑެގޭއަށް މަރުހަބާ ކިޔައިފަ އެވެ.

"މިހަބަރާއެކު އަހަރެން ޑެގޭއަށް މަރުހަބާ ކިޔަން ފުރަތަމަ ބޭނުމީ. ޑެގޭއަކީ މޮޅު ކީޕަރެއް. ރަސްމީކޮށް ޕްރެމިއާ ލީގުގައި ކުޅެ ޑެގޭއަކީ މޮޅު ކީޕަރެއްކަން އެންމެންނަށްވެސް އަންގަދޭނެ." ރޭނާ ބުންޏެވެ.

ވެންޑަސާގެ ބަދަލުގައި މެންޔުނައިޓެޑަށް ގެނައި ކީޕަރު ޑެގޭއަކީ ވެންޑަސާއާ އެއްގޮތް ކުޅުމެއް ހުރި މޮޅު ކީޕަރެއްކަމަށް މެންޔުނައިޓެޑްގެ ކޯޗް އެލެކްސް ފާގަސަން ވަނީ ބުނެފަ އެވެ.

އުމުރުން 12 އަހަރުގައި އެތްލެޓިކޯ މެޑްރިޑްގެ ޔޫތު ޓީމުން ވިދާލި ޑޭވިޑް ޑެގޭ އެޓީމަށް އަށް އަހަރުދުވަހު ކުޅެދީފައިވެއެވެ. 2009 ވަނަ އަހަރުން ފެށިގެން ޑެގޭ ދިޔައީ އެތޮލެޓިކޯ މެޑްރިޑްގެ ސީނިއާ ޓީމުގެ އެއް ނަންބަރު ކީޕަރުކަން ކުރަމުންނެވެ.