މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ ދުވަސް ވަރަކަށްވާތީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފުން އެގޮތަށް އިލްތިމާސް ކޮށްފައިވާ އިރު، މޫސުމާބެހޭ އިދާރާއިން ވަނީ މެދު ރާއްޖެތެރެ އަށް ވަރަށްބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފަ އެވެ.

އެގޮތުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި މި ދުވަސްވަރު ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުރޭވުމުގެ އިތުރުން، ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަލައިގެން ދަތުރުތައް ކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ވޭތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ތަފާތު ގިނަ ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ދަނީ ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން، ދަތުރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރުނުކުރުމަށާއި ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އެފަރާތުން އިލްތިމާސްކުރެ އެވެ.

އޭގެ އިތުރުން ޑައިވިން ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން، އެފަދަ ކުޅިވަރުތައް ރާވާ ހިންގުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް ވެސް އެމްއެންޑިއެފުން އިލްތިމާސްކުރެ އެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެފަރާތުން އިލްތިމާސްކުރެ އެވެ.