16 Feb 2017, 12:54
ކްލަބެއްގެ ކޯޗުކަމުގައި އަލީ ސުޒޭން ހުރުމުން ދިވެހި ފުޓްބޯޅައަށް ފައިދާކުރާނެ ކަމަށް އޭނާ ބުނެފިއެވެ.
ވިކްޓަރީ ސްޕޯޓްސް ކްލަބާ ސުޒޭން މިހާރު ހަވާލުވެފައިވާއިރު، އޭނާ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ވިކްޓަރީއަށް އިރުޝާދުދީފައެވެ. ވިކްޓަރީ ދޫކޮށް 2012 ވަނަ އަހަރު ދިއުމަށްފަހު، މާޒިޔާއިން ފެނުނު ސުޒޭން އެ ކްލަބު ދޫކޮށްލާފައިވަނީ މިދިޔަ ސީޒަނަށްފަހުއެވެ.
ވިކްޓަރީގެ ކޯޗުކަމާ އަލުން ހަވާލުވުމަށްފަހު ސުޒޭން ބުނީ، އަބަދުވެސް ނިންމުންތައް ނިންމަނީ ދިވެހި ފުޓްބޯޅައަށް ފައިދާވާގޮތަށް ކަމަށާއި އެގޮތަށް ބަލާއިރު ލީގުގައި އޭނާ ހުރުން އެއީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމުން ދިވެހި ފުޓްބޯޅައިގެ އިތުރުން މީޑިއާއަށް ވެސް ފައިދާތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑު ނިންމުން ނިންމާފައި އޮންނާނީ އަޅުގަނޑު ގެއަށް ލައިގެން ކާނެ އެއްޗަކަށްވުރެ ބޮޑަށް ދިވެހި ފުޓްބޯޅައަށް ފައިދާހުރި ނިންމުންތައް. އަޅުގަނޑު ކޮންމެހެން މާ މޮޅު މީހަކަށް ވާތީ ބުނަނީކީ ނޫން. އަޅުގަނޑު ހުރުން އެއީ ހަމަ ގައިމު ވެސް މީޑިއާއަށް ވެސް ދިވެހި ފުޓްބޯޅައަށް ވެސް ފައިދާހުރި ކަމަކަށްވާނެ،" އޭނާ ބުންޏެވެ.
ސުޒޭން ބުނީ، އޭނާގެ ކުރީގެ ކްލަބު މާޒިޔާގެ މާހައުލަކީ އެންމެ އެކުވެރި، ބަދަހި އާއިލާ ކަމަށް މުޅި ފުޓްބޯޅަ އާއިލާ ގަބޫލުކުރާނެ ކަމަށާއި ކޮންމެ މީހަކު ވެސް މާޒިޔާ ކަހަލަ ކްލަބެއްގައި މަސައްކަތްކޮށްލަން ބޭނުންވާނެ ކަމަށެވެ. އަދި ވިކްޓަރީ ދޫކޮށް އޭނާ 2013 ވަނަ އަހަރު މާޒިޔާއާ ހަވާލުވިއިރު ރަނގަޅު މެނޭޖްމަންޓެއް އޮތުން ފިޔަވާ އެއްވެސް ކަމެއް އެކްލަބުގައި ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
"ވަރަށް ރަނގަޅު މެނޭޖްމަންޓެއް އޮތީ. އެހެންނަމަވެސް އަޅުގަނޑު މާޒިޔާއަށް ދިއުމަށްފަހު އަޅުގަނޑު މަސައްކަތްކުރިން މާޒިޔާއަކީ ރާއްޖޭގައި މަގްބޫލު ކްލަބަކަށް ހެދޭތޯ. އަތޮޅުތަކަށް ދަތުރުކުރިން. އަދި އެނޫނަސް މާޒިޔާގެ ސަޕޯޓަރުންގެ އަދަދު އިތުރުކުރެވޭތޯ ވެސް ބައިވަރު މަސައްކަތްތަކެއް ކުރިން. އިރާދަކުރެއްވިއްޔާ މާޒިޔާއަކީ ދިވެހިރާއްޖޭގެ ފުޓްބޯޅަ އާއިލާއަށް އިހުތިރާމްކުރާ ގާއިމު ވެސް ބައިވަރު ސަޕޯޓަރުންތަކެއް ހިމެނޭ ކްލަބަކަށް ވެގެންދިޔަ،" އޭނާ ބުންޏެވެ.
ސަޕޯޓަރުން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ އެންމެ ރަނގަޅަށް ފެނިގެންދިޔައީ 2015 ވަނަ އަހަރު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކަމަށާއި އެ މެޗު އައްޑޫގައި ކުޅުނުއިރު ގިނަ އަދަދެއްގެ މާޒިޔާގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވާ ކަމަށް ސުޒޭން ބުންޏެވެ.
މާޒިޔާއަށް ސުޒޭން ވަނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް އަދި 2014 ވަނަ އަހަރުގެ އެފްއޭ ކަޕް ހޯދައިދީފައެވެ. ސުޒޭން މާޒިޔާއާ ގުޅުނުއިރު އެކްލަބަށް ހޯދިފައިވަނީ ހަމައެކަނި 2012 ވަނަ އަހަރުގެ އެފްއޭ ކަޕެވެ.