16 Feb 2017, 12:32
އަލީ ސުޒޭނަށް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމުގެ މަގާމު ދީފައިވަނީ އޭނާއަށް ކޯޗުކޮށްދޭނެ ޓީމެއް ނެތުމުން ކަމަށާއި އެއީ ސުޒޭންގެ މައްސަލައެއް ކަމަށް އެކްލަބުގެ ކޯޗުކަމުން ދުރުކޮށްފައިވާ މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.
ވިކްޓަރީއަށް ކުރިން ވެސް އިރުޝާދުދިން ސުޒޭނަށް ކޯޗުގެ މަގާމު ދީފައިވަނީ ޝާޒަށް މިސީޒަނުގައި އެކްލަބާއެކު އަމާޒު ހާސިލްނުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވިކްޓަރީން ބުނެއެވެ.
ޝާޒް ބުނީ، އެންމެ ފުރަތަމަ އޭނާއަށް ވިކްޓަރީގެ ކޯޗުކަމުގެ މަގާމު ދީފައިވަނީ ސުޒޭން އަދި އެހެން ކޯޗުންގެ ތެރެއިން ހޮވާލެވިގެން ކަމަށާއި ޓާގެޓްތައް ހާސިލްކުރަން ފުރުސަތު ނުދިނުމުން އޭގައި ސުވާލު އުފެދޭ ކަންތައްތަކެއް އެކުލެވޭ ކަމަށެވެ.
"ފުރަތަމަ ކަމަކަށް ބަލާލާއިރުގައި އަޅުގަނޑަށް ފާހަގަކުރެވެނީ އަލީ ސުޒޭނަށް ޓީމެއް ކޯޗުކޮށްދޭން ނުލިބުން. އެއީ މީގަ އެންމެ ބޮޑު އަސްލުކަމަށް. އެއީކީ އަޅުގަނޑުގެ މައްސަލައެއް ނޫން. ފުޓްބޯޅައަށް ލޯބިކުރާ އެއްވެސް މީހެއްގެ މައްސަލައެއް ނޫން. އަޅުގަނޑަށް ހީވަނީ އެއީ އަލީ ސުޒޭންގެ މައްސަލައެއްހެން،" އޭނާ ބުންޏެވެ.
ޝާޒް ބުނީ، ބައެއް ނޫސްވެރިން ސުޒޭން ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ދިވެހި ފުޓްބޯޅައަށް އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ދަނޑަށް މީހުން ވައްދަން ވާހަކަދެކެވޭއިރު ވިކްޓަރީގެ ބެންޗުގައި އަލީ ސުޒޭން އިނުމަކީ ދިވެހި ފުޓްބޯޅަ ފޯރިގަދަވެ، ދަނޑަށް މީހުންވަންނާނެ ކަމެއްގެ ގޮތުގައި ވެސް ބައެއް މީޑިއާތަކުން ސިފަކުރާ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގެ ކޮން ހިސާބަކުން ކިހިނެތް ބަލައިގެންކަމެއް އަލީ ސުޒޭން ބެންޗުގައި އިނީމާ، ގަލޮޅު ދަނޑު ފުރެންވީކީއެއް. ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އެންމެ ކާމިޔާބު ކޯޗަކީ އަލީ ސުޒޭނެއް ނޫން. ވިކްޓަރީގެ އެންމެ ކާމިޔާބު ކޯޗަކީ އަބްދުލް ޖަލީލް (އަބްޖީ). އެ ވާހަކައެއް ނުދެކެވޭ. އަބްޖީ ބެންޗުގައި ހުރިއިރު މުޅި ދަނޑު ފުރިފަ އޮތީ. މައުރޫފް އަހްމަދު (މާއްޓޭ) ބެންޗުގައި ހުރިއިރު ވެސް މުޅި ދަނޑު ފުރިފަ އޮތީ،" އޭނާ ބުންޏެވެ.
ކުރިން ވެސް މީޑިއާތަކުން ފާހަގަކޮށްފައިވާގޮތަށް މާޒިޔާއިން އަލީ ސުޒޭން ވަކިވީ އެކްލަބަށް ހޯދައިދޭން ބޭނުންވި ކާމިޔާބު، ދާން ބޭނުންވި ޓާގެޓަށް އަލީ ސުޒޭނަށް ނުދެވުނީމަ ކަމަށާއި އެހެންނަމަވެސް މީޑިއާތަކުން ބައެއްފަހަރު މާނަ ނަގަނީ އެހެން ގޮތަކަށް ކަމަށް ޝާޒް ބުންޏެވެ.
"އެހެންވުމުން ކިޔުންތެރިންނަށް އެތަންކޮޅު އޮޅިގެން މިދަނީ. އެއީ އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑު ކުށެއް ކަންނޭނގެ. އެކަންކަން އެބަޖެހޭ ކަންނޭނގެ ރަނގަޅުކުރަން. އެހެންނޫންނަމަ ކުރިއަރަމުންއަންނަ ކޯޗުންނަށް ތަންކޮޅެއް ހުރަސްތަކާ ކުރިމަތިވޭކަންނޭނގެ. އަބަދަކު އެއްބަޔަކު ނުތިބޭނެ ކޯޗުންނަކަށް. އަޅުގަނޑަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކޮލިފައިޑް ކޯޗު. މިދިޔަ އަހަރުގެ ނަތީޖާއާއި ކުރީ އަހަރުގެ ނަތީޖާއާ، އެއީ ދައްކާކަށް ބޭނުން ވާހަކައެއް ނޫން ކަންނޭނގެ،" އޭނާ ބުންޏެވެ.
ޝާޒް އިތުރަށް ބުނީ، މިހާރު ވިކްޓަރީގެ ބޯޑު އޮތީ ވަރަށް ބޮޑަށް ސުޒޭންއާ އެއްކޮޅަށް ކަމަށާއި މި ވާހަކަތައް ނުދެކެވޭނަމަ، ކުރިއަށް އޮތްތާނގައި ކްލަބުތަކުގެ ކޯޗުންނަށް ތިބެވޭނީ ނުފޫޒުގަދަ ކޯޗުންނަށް ކަމަށެވެ. އަދި އެހެންވާނަމަ ކޯޗުންގެ މެދުގައި އޮންނަ ޓެކްނިކަލް ވާދަވެރިކަމަށްވުރެ، ސިޔާސީ ވާދަވެރިކަމަށް އޮއިވަރު ބަދަލުވެގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.