16 Feb 2017, 11:27
މާލޭގައި ޓެކްސީއަކަށް އެރި އަންހެނަކު ދާން ބޭނުންވި ތަން ނޫން އެހެން ތަނަކަށް ގެންދިޔަ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ ބަލަމުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި އެހެން ކަމުން މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ނަމަވެސް އެ ހާދިސާ ހިނގައިދިޔަ ގޮތް، ޓެކްސީއަށް އެރި އަންހެން ކުއްޖާ ވަނީ ފޭސްބުކްގައި ޕޯސްޓުކޮށްފައެވެ. އޭނާ ބުނެފައިވަނީ ސޯސަން މަގުގައި ހުންނަ ޑީއެޗްއެލް ކައިރިން އޭނާ ޓެކްސީ ނެގީ ސްޓެލްކޯ ކައިރީގައި ހުރި ގެއަކަށް ދިއުމަށެވެ. ނަމަވެސް އެ ޓެކްސީ ޑްރައިވަރު އޭނާ ގެންދިޔައީ މެރީ ބްރައުން ކައިރީގައި ހުރި އަނދިރި ސަރަހައްދަކަށް ކަމަށް އޭނާ ލިޔެފައި ވެ އެވެ.
އޭނާ ބުނި ގޮތުގައި 1414 ޓެކްސީ ސެންޓަރުގެ އެ ޓެކްސީގައި އޭނާ ބުނި ތަން ނޫން ތަނަކަށް ގެންދާކަން އެނގުމުން ޓެކްސީ ހުއްޓަން ބުނުމުންވެސް ނުހުއްޓައި ޓެކްސީ ދުއްވީ އެވެ. އެހެންވެ ޓެކްސީގެ ދޮރު ހުޅުވީ ކަމަށާއި ދޮރު ހުޅުވުމުން ޓެކްސީ ހުއްޓި ކަމަށްވެސް ފޭސްބުކްގައި އޭނާ ލިޔެފައިވެއެވެ.
މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މީގެ ކުރިންވެސް ޓެކްސީއެއްގައި އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ.