16 Feb 2017, 09:48
މިއަދުން ފެށިގެން އުތުރުގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރާނެ ކަމަށް ނުބެލެވޭ އިތު މެދު ރާއްޖެ ތެރެއަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު ބޮޑުވެއްޖެ ކަމަށް މޯލްޑިވްސް މީޓޮރޮލޮޖިކަލް ސާވިސް(މެޓް) އިން ބުނެފި އެވެ.
މެޓް އޮފީހުގެ އެސިސްޓެންޓްް މީޓުއޮރޮލިޖިސްޓް އަބްދުﷲ ހާފިޒް މިއަދު ސަން އަށް ވިދާޅުވީ މިއަދާއި މާދަމާ މެދު ރާއްޖެތެރެއަށް (ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމަށް) އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.
"އުތުރަށް ދެން އުދައިގެ އަސަރު ކުރުން ދުރު، މިހާރު ދައްކާ ގޮތުން އުދައަރާނެ ކަމަށް ބެލެވެނީ މެދުރާއްޖެ ތެރެއަށް،" ހާފިޒް ވިދާޅުވި އެވެ.
މެދު ރާއްޖެ ތެރެއަށް ދިޔަވަރު ބޮޑުވާގަޑިތަކަކީ މެންދުރު ފަހު 3.35 އަކާއި ދަންވަރު 3.35 އެކެވެ.
ހާފިޒް ވިދާޅުވީ މެންދުރު ފަހު ދިޔަވަރު ބޮޑުވާގަޑިއަށް ވުރެ ދަންވަރު ދިޔަވަރު ބޮޑުވާގަޑީގައި ލޮނުގަނޑު މާ ބޮޑަށް އުފުލޭނެ ކަމަށެވެ.
ރާއްޖޭގެ އެކި ރަށްތަކަށް އުދައެރުމަކީ ކޮންމެ އަހަރެއްގައި ވެސް މިދުވަސްވަރު ދިމާވަމުން އަންނަ ކަމެކެވެ. އެކަމުގެ ސަބަބުން އެތައް ގެއްލުމެއް ދަނީ ލިބެމުންނެވެ. މިފަހަރު އެރި އުދައިގައި ވެސް ށ. ފީވަކު ދަނޑުބިންތަކަށް ވަނީ ވަރަށް ބޮޑަށް އުދައަރައިފަ އެވެ.