28 Jun 2011, 10:41
ގަޑިއެއްގެ އިރުތެރޭގައި ރަށު ކައުންސިލް އިދާރާގެ ތަޅުދަނޑި ކައުންސިލްގެ އާ ރައީސާ ހަވާލުކަން ފިއްލަދޫ ކައުންސިލްގެ ކުރީގެ ރައީސް މުހަންމަދު ވިޖާންގެ މައްޗަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކައުންސިލަށް ހުށަހެޅި މައްސަލައެއްގެ މައުލޫމާތު މީޑިޔާއާއި ހިއްސާކުރިކަމަށް ބުނެ ރައީސް ކަމުގެ މަގާމުން ދުރުކުރި ވިޖާން، ކައުންސިލް އިދާރާގެ ތަޅުދަނޑި ހަވާލު ނުކޮށްގެން ކޯޓަށް ވެއްދި މައްސަލައިގައި އޭނާގެ މައްޗަށް މިއަދު ވަނީ ކޯޓުން އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ބުނަނީ ކައުންސިލް އިދާރާގެ ލިޔެ ކިޔުން ތަކުންނާއި އަދި ހއ. އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވާފައިވާ ރަސްމީ ލިޔެކިޔުންތަކުން ވެސް ކައުންސިލްގެ ރައީސަކީ ވިޖާން ނޫންކަމަށް އެގެން އޮތުމުން ކައުންސިލް އިދާރާގެ ތަޅުދަނޑި އާއި ރައްޔިތުންނާއި ގުޅުން ހުރި އެހެން އިދާރާ ތަކުގެ ތަޅުދަނޑިތައް އެއްގަޑިއިރު ތެރޭގައި ކައުންސިލްގެ އާ ރައީސް އިނާޒާއި ހަވާލުކުރުމަށް އަންގާ ކަމަށެވެ.
"ކުރިއަށް އޮތް އެއްގަޑިއިރުތެރޭގައި ކައުންސިލްގެ އިދާރާ އާއި ރައްޔިތުންނާއި ގުޅުންހުރި އެހެން އިދާރާތަކުގެ ތަޅުދަނޑިތައް ކައުންސިލްގެ އާރައީސް އަހުމަދު އިނާޒާއި ހަވާލުކުރުމަށް އަހުމަދު ވިޖާންގެ މައްޗަށް އަންގައި އަމުރު ކުރަމެވެ،" މިއަދު ހެނދުނު ނެރުނު ކޯޓް އެމުރުގައިވެ އެވެ.
ކޯޓުން މި ހުކުމް ކުރީ ހެނދުނު ގާތްގަނޑަކަށް 9:00 ޖަހާއެހާކަންހާއިރު އެވެ. އޭގެ ފަހުން ގަޑިއެއްގެ އިރުވެފައި ވީނަމަވެސް ތަޅުގަނޑިފަތި ވިޖާން ހަވާލުކުރައްވާފައެއް ނުވެއެވެ. ވިޖާން ވިދާޅުވީ ކޯޓުގެ ހުކުމަށް އިހުތިރާމް ކުރުމުގެ ގޮތުން ތަޅުދަނޑިފަތި ހަވާލުކުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ތަޅުދަނޑިފައްޗާމެދު ގޮތެއް ނިންމެވި އިރު ފިއްލަދޫ ކައުންސިލްގެ މަސައްކަތް ހުއްޓުވައި ދިނުމަށް އެދި މި މަހުގެ 22 ވަނަ ދުވަހު ވިޖާން ކޯޓުގައި އެދުނު އެދުމާމެދުވެސް ކޯޓުން ވަނީ މިއަދު ގޮތެއް ނިންމާފަ އެވެ. އެ ނިންމެވެވުމުގައި ބުނަނީ ފިއްލަދޫ ކައުންސިލްގެ މަސައްކަތްތައް ހުއްޓާލާފައި ބޭއްވުމަށް ވަގުތީ ކޯޓު އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
"ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށްޓަކައި އުފައްދާފައި އޮންނަ ކައުންސިލުގެ މަސައްކަތް އެގޮތަށް ހުއްޓާލާފައި ބޭއްވުމަށް ކޯޓުން އަމުރު ނެރޭނެ ޖާގައެއް ނެތް ކަމަށް ނިންމައި އެކަން ދެ ފަރާތަށް އަންގައިފީމެވެ،" ކޯޓުގެ ހުކުމުގައިވެ އެވެ.
ވިޖާން ހުށަހަޅާފައިވާ މައްސަލަތައް އޭނާ އާއި ދެކޮޅަށް ނިމުމުން ވިޖާން މިއަދު ވިދާޅުވީ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުންތައް އޭނާ ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
"އެ ހުކުމްތަކުގައި އެއްވެސް ގާނޫނަށް ރިއާޔަތް ކޮށްފައިނެތްކަން ފާހަގަވާތީ އަޅުގަނޑު އެ މައްސަލަ ވަރަށް އަވަހަށް ހައިކޯޓަށް ވައްދާނަން،" ވިޖާން ވިދާޅުވި އެވެ.