28 Jun 2011, 10:39
ކ. މާފުށީ ކައުންސިލްގެ ރައީސްގެ މަގާމުން މުހައްމަދު މުސްތަފާ ވަކި ކުރި މައްސަލަ އޭނާ މިއަދު އެ ރަށު ކޯޓަށް ހުށަހަޅުއްވައިފި އެވެ.
މުސްތަފާ މިއަދު ވިދާޅުވީ އޭނާ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި މައްސަލަ ކޯޓަށް ވެއްދީ އެހެންވެ ކަމަށެވެ. މުސްތަފާ ވިދާޅުވީ މި މަހުގެ 22 ވަނަ ދުވަހު އޭނާ މަގާމުން ވަކިކޮށްފައި ވަނީ އެންމެ ތިން މެންބަރުން ހާޒިރުވި ޖަލްސާއެއްގައި ގާނޫނާ ހިލާފަށް ރިޔާސަތުން ވެސް ވޯޓު ދީގެން ކަމަށެވެ.
"ލާމަރުކަޒީ ގާނޫނާ ހިލާފަށް ވޯޓު ނަގާފައި ވަނީ. އެ ޖަލްސާގައި ވެސް ބައިވެރިވެފައި ވަނީ އެންމެ ތިން މެންބަރުން. އަނެއްކާ އެއް މެންބަރަކު ވޯޓެއް ނުދެއްވާ. އެހެން އޮއްވައި ރިޔާސަތުން ވޯޓު ދީގެން އަޅުގަނޑު ވަކިކޮށްފައި މި އޮތީ،" މުސްތަފާ ވިދާޅުވި އެވެ. "އެކަމަކު ލާމަރުކަޒީ ގާނޫނުގައި ބުނެފައި އޮންނާނެ ރިޔާސަތަށް ވޯޓު ދެވޭނީ ވޯޓު އެއްވަރުވެގެން ކަމަށް."
މުސްތަފާ ވިދާޅުވެފައިވާ ފަދައިން އޭނާ ކައުންސިލް ރައީސްގެ މަގާމުން ވަކި ކުރުމަށް ނެގި ވޯޓުގައި ބައިވެރިވެފައި ވަނީ ރިޔާސަތާ އެކު ހަތަރު މެންބަރުންނެވެ. މަސްލަހަތު ހިމެނޭތީ މުސްތަފާ ވޯޓުގައި ބައިވެރިއެއްނުވެ އެވެ. ދެ މެންބަރަކު ވޯޓު ދެއްވީ މުސްތަފާ ވަކިކުރުމަށެވެ. އެއް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެހެންކަމުން ފަސް މެންބަރުން ހިމެނޭ ކައުންސެލްގެ އަގުލަބިއްޔަތެއް ނުލިބެ އެވެ. އެހެންވެ މުސްތަފާ ވަކިކޮށްފައި ވަނީ ވޯޓު ރިޔާސަތުން ވެސް ވޯޓު ދީގެންނެވެ.