ކާމިޔާބީގެ ގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެކަމުގެ ޔަގީންކަން ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމާ މިއަދު ހަވާލުވި ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ސުޒޭން ވަނީ ކުރިން ވިކްޓަރީގެ ކޯޗުކަމުގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭރު ވިކްޓަރީން އެންމެ ކާމިޔާބީ ދުވަސްތައް ގުނަމުންދިޔަ ނަމަވެސް، ގިނަ އަހަރުތަކެއް ނުވެ ނިއުއިން ވަނީ ވިކްޓަރީގެ މައްޗަށް ކުރި ހޯދައި، ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު ކްލަބުގެ މަގާމު ހޯދައިފައެވެ.

"އަޅުގަނޑު ވިކްޓަރީ ދޫކޮށްލާފައި 2012 ވަނަ އަހަރު ދިޔައިރުގައި ހަމަގައިމު ވެސް އެއްވެސް ބަޔަކަށް ނުބުނެވޭނެ ވިކްޓަރީއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭރެއް ނޫނޭ. އެއީ ތަށްޓަށް ބެލިޔަސް އޭރު ވިކްޓަރީ އަތުގައި 34 ތަށި، ނިއު ރޭޑިއަންޓަށް ގާތްގަނޑަކަށް 32 ނުވަތަ 31 ތަށި ހޯދިފައިވަނީ. އޭރު ލީޑުގައި އޮންނާނީ ވިކްޓަރީ. އެހެންނަމަވެސް ދިމާވި ކަންތައްތަކާއެކު އަޅުގަނޑު ވިކްޓަރީ ދޫކޮށްލާފައި ދިޔަ ފަސް އަހަރުތެރޭގައި ނިއު ރޭޑިއަންޓް ގާތްގަނޑަކަށް 38 ތަށްޓަށް އަރާފައި މިއޮތީ،" ވިކްޓަރީގެ ކޯޗުކަމާ ހަވާލުވުމަށްފަހު ސުޒޭން ބުންޏެވެ.

ވިކްޓަރީ ދޫކޮށްލުމަށްފަހު މާޒިޔާގައި ހަތަރު އަހަރު ހޭދަކުރި ސުޒޭން ބުނީ، ވިކްޓަރީގެ މެނޭޖްމަންޓުން ކުރި އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ ދިގު ތާރީހުގެ އެންމެ އަގުބޮޑު ސީޒަނުގައި މަސައްކަތްކޮށްލަން ލިބުމުން އުފާކުރާ ކަމަށެވެ.

"ހުރިހާ ގޮތަކަށް ބަލާއިރު 80 ވަރަކަށް ޓީމު އަތޮޅުތަކުން ވާދަކޮށްގެން މާލެ އަންނާނެ. މާލޭ ލީގުގައި އަށް ޓީމަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކޮށްގެން ލީގުގައި ވާދަކުރާ އަހަރަށްވާނެ. އަގު ހަދާއިރު ގާތްގަނޑަކަށް 80 ވަރަކަށް މިލިއަން ރުފިޔާ ހުރިހާ ޓީމެއް އަތުން ހަރަދުވެގެންދާނެ. އަޅުގަނޑު މި ފާހަގަކުރަނީ އަތޮޅުތަކުން ކުރާ ހަރަދާއި، ހުރިހާ އެއްޗެއް އެއްކޮށް. މިހާ ބޮޑު، ވަރުގަދަ ސީޒަނެއްގައި ބައިވެރިވެލަން ލިބުނު ފުރުސަތު އަޅުގަނޑަށް ލިބުންކަމީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ބުންޏެވެ.

ސުޒޭން އިތުރަށް ބުނީ، ވިކްޓަރީއަށް އެނބުރި އައުމަކީ ސަޕޯޓަރުން އޭނާއާ މެދު ކުރަމުންދާ ޔަގީންކަން އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމަށާއި އެ އިތުބާރުގެ ސަބަބުން މަސައްކަތްކުރުމުގައި ބައިވަރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ވިކްޓަރީގެ ކޯޗުކަމަށް ސުޒޭން ހަމަޖައްސާފައިވަނީ މިސީޒަނުގައި އެކްލަބުގެ ކޯޗަކަށް ކުރިން ހަމަޖެއްސި މުހައްމަދު ޝާޒްލީ (ޝާޒް) މަގާމުން ދުރުކުރުމަށްފަހުއެވެ. ނަމަވެސް ޝާޒް ގަބޫލުކުރާ ގޮތުގައި، ވިކްޓަރީން އޭނާގެ ކޮންޓްރެކްޓް އުވާނުލާ ސުޒޭނަށް މަގާމެއް ނުދެވޭނެއެވެ.

ވިކްޓަރީގެ ކޯޗުކަމުން ކުރިން ބީޖީ ސްޕޯޓްސް ކްލަބަށް އިރުޝާދުދިން ޝާޒް ވަކިކުރީ ކްލަބުގެ އުންމީދުތައް ހާސިލްނުވެދާނެ ކަމުގެ ބިރު މެނޭޖްމަންޓަށް އޮތުމުން ކަމަށް ބުނެއެވެ.