ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކަމަށާއި ނަމަވެސް އެޓީމު ބަލިކޮށް ޗެރިޓީ ޝީލްޑް މެޗު ކާމިޔާބު ކުރެވޭނެ ކަމަގެ ޔަގީންކަން އެބައޮތް ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖްތަބާ (ފެސްކޯ) ބުނެފިއެވެ.

މާދަމާ ހަވީރު ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ ކުރިން މިއަދު މެންދުރު އެފްއޭއެމް ހައުސްގައި ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަަކަ ދައްކަމުން ފެސްކޯ ބުނީ ހުރީހާ ޓީމުތަކަކަށް ވުރެ، ވަރުގަދަ ސްކޮޑެއް މާޒިޔާގައި އޮތް ކަމަށާއި އެހެން ޓީމްތަކަށް ވުރެން ކުރިން އެޓީމްގެ ފަރިތަކުރުންތައް ވެސް ފަށާފައިވާ ކަމަށެވެ.

"....މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމަކީ މާޒިޔާ. އެއީ އެންމެ އޯގަނައިޒްކޮށް މިވަގުތަކަށް އޮތް ޓީމު. އެއީ ނެޝަނަލް ޓީމްގެ އަށް ވަރަކަށް ނުވަ ވަރަކަށް ކުޅުންތެރިން އެބަތިބި އަދި ބޭރު ހަތަރު ވަރަކަށް ކުޅުންޔެރިން އެބަތިބި ޖުމްލަގޮތަކަށް ބަލާއިރު މި ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމަށް މާޒިޔާ ވެގެން ދާނެ،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ މާޒިޔާ ވަރުގަދަވުމަކީ ވެލެންސިއާއަށް ރެކެވޭނެ ކަމެއް ނޫން ކަމަށާއި އެޓީމުން ވެސް ވާނީ މާދަމާގެ މެޗަށް ވެވެން އޮތް އެންމެ ފުރިހަމައަކަށް ތައްޔާރުވެފައި ކަމަށެވެ.

"މާބޮޑު ތައްޔާރީތަކެއް ނުވެވޭ. ނަމަވެސް ވިވަގުތަށް ވެވެން އޮތް އެންމެ ރަނގަޅަކަށް މިވަނީ ޗެރިޓީ ޝީލްޑް މެޗެށް ރެޑީވެފައި. މާނައަކީ މިއުޅެނީ އެއްވެސް އެސްކިއުޒެއް ހޯދާކަށް ނޫން. މިއުޅެނީ ރަނގަޅު މެޗެއް ކުޅެ އަޅުގަނޑުމެންގެ ސަޕޯޓަރުން ހިތް ހަމަ ޖެހޭ ކަހަލަ ނަތީޖާ އަކަށް ދެވޭނެ ހުރިހާ މަގެއް ތަނަވަސް ކުރަމުން،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ މާޒިޔާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުތުމުގެ ކުރިން އޭއެފްސީ ކަޕްގައި ދެމެޗު ކުޅެލަން ލިބުމަކީ ވެލެންސިއާއަށް އޮތް ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށާއި ނަމަވެސް އެ ދެ މެޗާ ލޯކަލް ލީގުގެ ކޮންސެޕްޓާ ވަރަށް ތަފާތު ވާނެ ކަމަށެވެ.

"އޭއެފްސީ ކަޕްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު އެޓިއުޑާއި ކޮމިޓްމަންޓަށް ބަލާއިރު އުންމީދު އެބައޮތް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް. ޗެރިޓީ ޝީލްޑަކީ އެނެހެން ބަލާއިރު ފައިނަލެއް. ކޮންމެ ގޮތެއް ވިޔަސް ނަތީޖާ ނެރޭނެ. އެހެންވެއްޖިޔާ ފިފްޓީ ފިފްޓީ ޗާންސެއް އޮންނާނީ. ކޮންމެ ޓީމެއް ވެސް ވިން ވެދޭނެ އެ މެޗެއްގައި ރަނގަޅަށް ޕާފޯމް ކުރާ ޓީމެއް މޮޅުވުމުގެ ޗާންސް ބޮޑުވާނީ،" ފެސްކޯ ބުންޏެވެ.

މަޒިޔާ އާއި ވެލެންސިއާ ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗު އޮންނާނީ މާދަމާ ހަވީރު 4:00 ޖަހާއިރު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.