މާލޭގެ ގެތަކުން ކުނި އުކައިދިނުމުގެ ހިދުމަތް ފަށާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލޭގެ އިތުރު ދެ ޒޯނަކުން ކުނި އުކައިދިނުމުގެ ހިދުމަތް ފަށަން ނިންމައި ހިދުމަތަށް އެދި ރަޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ލޯންޗް ކުރި ހިސާބުން ފެށިގެން އެ ހިދުމަތް ދެމުން އައީ ޒޯން އެކަކަށެވެ. ނަމަވެސް ކުނި އުކާލުމުގެ ހިދުމަތަށް އިތުރު އުޅަނދުތައް ގެނެސް މިހާރު ވަނީ ޒޯން ދޭއް އަދި ތިނެކަށް ހިދުމަތް ދޭ ފެށުމަށް ރަޖިސްޓާވާން ހުޅުވާލައިފަ އެވެ. އަންނަ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ދެ ޒޯނުން ރަޖިސްޓާކުރި ގެތަކުން ކުނި އުކައިދޭން ފަށާނެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ، ތިން ޒޯނެއް މިހާރު ހުޅުވާލާފައިވާ އިރު، ވެމްކޯގެ ޓާގެޓަކީ ޖޫން މަސް ނިމެންވާ އިރަށް މުޅި މާލެއަށް ވޭސްޓް ކަލެކްޝަންގެ ހިދުމަތް ފުޅާކުރުން ކަމަށެވެ.

އެ ހިދުމަތް ލިބޭނީ ހިދުމަތައް އެދި ރަޖިސްޓާކުރާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓަރީކުރަން ހަދަންޖެހޭ ގޮތަކީ ވެމްކޯގެވެބްސައިޓުންފޯމް ޑައުންލޯޑްކޮށް އެ ފޯމް ފުރުމަށްފަހު، ވެމްކޯގެ އޮފީހަށް ހުށަހެޅުމެވެ. ނުވަތަ އެ އިދާރާގެ މެއިލް ([email protected]) އަށް މެއިލް ކުރުމެވެ. ވެމްކޯގެ އޮފީސް ހުންނަނީ މާފަންނު ޖަމްބުގަސްދޮށުގެ ތިންވަނަ ފްލޯގަ އެވެ.

ފުއާދު ވިދާޅުވީ ސަރުކާރުން އާންމުކުރާ ގަވާއިދެއްގެ ދަށުން ޖޫން މަހުގެ ފަހުން ސައިކަލު ނުވަތަ ބައިސްކަލުގައި ކުނި އުކާލުން މަނާކުރެވޭނެ ކަމަށެވެ. އޭގެ ބޭނުމަކީ، ބައިސްކަލުތަކުގައި އަދި އެހެނިހެން ގޮތް ގޮތުން އުފުލާ ކުނި މަގުތަކަށް އެޅި މަގުތައް ހަޑިވުން ނިމުމަކަށް ގެނައުން ކަމަށް ފުއާދު ވިދާޅުވި އެވެ.

ވެމްކޯ އިން ކުނި އުކައިދިނުމުގެ ހިދުމަތް ދެނީ މުޅި މާލެ ޖުމްލަ 13 ޒޯނަކަށް ބަހާލައިގެންނެވެ. ކޮންމެ މަހަކު ދެ ޒޯނަށް ރަޖިސްޓަރީ ކުރަން ހުޅުވަމުން ގޮސް ޖޫން މަހުގެ ނިޔަލަށް ހުރިހާ ޒޯނަކަށް ހުޅުވާލާނެކަމަށް ވެމްކޯއިން މައުލޫމާތުދެ އެވެ.