ކުއަލަލަމްޕޫރު (ފެބްރުއަރީ 15): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ، ކިމް ޖޮންގް ނަމްގެ މަރާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި މެލޭޝިއާއިން އަންހެނަކު ހައްޔަރުކޮށްފި އެވެ.

މެލޭޝިއާގެ ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އުމުރުން 28 އަހަރުގެ އެ އަންހެން މީހާ އިއްޔެ ހައްޔަރު ކުރީ ކުއަލަލްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގެ ސީސީޓީވީ ފުޓެޖް ބެލުމަށް ފަހުގަ އެވެ. އަދި ވެރި ރަށުން ހައްޔަރު ކުރި އެ އަންހެން މީހާގެ އަތުގައި އޮތީ ވިއެޓްނާމްގެ ޕާސްޕޯޓެއް ކަމަށް ފުލުހުން ބުނެ އެވެ.

ކިމް ޖޮން ނަމް ދަތުރު ކުރައްވަމުން ދިޔައީ ކިމް ޗޮލްގެ ނަމުގައި ކަމުން މެލޭޝިއާގައި އަވަހާރަވީ އޭނާ ކަން އެގައުމުން އަދި ރަސްމީކޮށް ޔަގީންކޮށްދީފައި ނުވެ އެވެ.

ނަމަވެސް ދެކުނު ކޮރެއާއިން ވަނީ މެލޭޝިއާގައި އަވަހާރަވީ ކިމް ޖޮންގް ނަމް ކަން ކަށަވަރުވާ ކަމަށް ބުނެފަ އެވެ. ކިމް އަވަހާރަކޮށްލީ ޒަހަރުދީގެން ކަމަށް ބެލެވޭ ކަމަށް އެގައުމުގެ ޖާސޫސީ އިދާރާއިން ބުނެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކިމް ޖޮންގް ނަމްގެ މަރާ ބެހޭ ގޮތުން އުތުރު ކޮރެއާއިން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. ނަމަވެސް މެލޭޝިއާގައި ހުންނަ އެގައުމުގެ އެމްބަސީގެ އޮފިޝަލުން ވަނީ ކިމްގެ ހަށިކޮޅު އޮތް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފަ އެވެ.

ކިމް އަވަހާރަކޮށްލަން އޭނާއަށް ހަމަލާ ދީފައި ވަނީ ކިހިނެއް ކަމެއް އަދި ޔަގީންވެފައި ނުވެ އެވެ. މަންޒަރު ދުށް ފަރާތްތަކުންނާއި އޮފިޝަލުން ހަމަލާ ސިފަކޮށްފައި ވަނީ ތަފާތުކޮށެވެ. އެގޮތުން ކިމްގެ މޫނަށް ކެމިކަލް ޖެހި ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު އެހެން ފަރާތްތަކުން ބުނާ ގޮތުގައި އޭނާ އަވަހާރަކޮށްލީ މޫނުގައި ފޮތިކޮޅެއް އަޅައިގެންނެވެ. އަދި އެންމެ ފުރަތަމަ އާއްމުވި ރިޕޯޓުތަކުގައިވާ ގޮތުން ކިމް އަވަހާރަކޮށްލީ އެއްޗެއް ސްޕްރޭކޮށްގެން ނުވަތަ ޒަހަރު ލާފައިވާ ތިނޯހެއް އޭނާގެ ގައިކޮޅަށް ހަރައިގެންނެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ކިމް އަވަހާރަކޮށްލުމަށް މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން 2012 ވަނަ އަހަރު ދެކުނު ކޮރެއާއިން ހައްޔަރު ކުރި އުތުރު ކޮރެއާގެ ޖާސޫސީ އޭޖެންޓަކު ވަނީ ކިމް ޖޮންގް ނަމް އަވަހާރަކޮށްލަން ރޭވި ކަމަށް އެއްބަސްވެފައި ކަމަށް އެރިޕޯޓުތަކުގައިވެ އެވެ.

ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ އުތުރު ކޮރެއާއިން ކަމަށްވާ ނަމަ، އެއީ 2013ގެ ފަހުން އެގައުމުން މަރާލި އެގައުމުގެ އިސް ފަރާތެވެ. ދެހާސްތޭރަ ވަނަ އުތުރު ކޮރެއާ އިން ވަނީ ކިމް ޖޮންގް އުންގެ ބޮޑުބޭބެ ޗަންގް ސޮންގްތައެކް އަށް މަރުގެ އަދަބު ދީފަ އެވެ. (ބީބީސީ)