15 Feb 2017, 15:49
ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ 10 އަހަރުގެ ކުއްޖަކު މަރުވި މައްސަލާގައި އެ ލޯޑަރު ދުއްވަން އިން ޑްރައިވަރުގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
އެ މައްސަލާގައި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރިކަމުގެ ދައުވާ އުފުލާފައި ވަނީ ސ. މީދޫ، އިރުމަތީގޭ ޒާހިދު ހަސަންގެ މައްޗަށެވެ.
މާތޮޑާ އަވަށަށް ނިސްބަތްވާ އަހުމަދު އަމާނުﷲ ލޯޑަރު ދަށުވެ މަރުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.
ދައުލަތުން ކުރި ދައުވާގައި އެ ހާދިސާ ހިނގި ގޮތް ތަފްސީލުކޮށް ވަނީ ކިޔައިދީފަ އެވެ. ދައުވާގައިވާ ގޮތުން ޒާހިދު ވަނީ އެ ލޯޑަރަށް އަމާނުﷲ އަރުވައިގެން އެރަށު އުފާގެއަށް ގޮސް ލޯޑަރުގެ ބަކެޓުގައި ހުރި ފީފާތައް އެގެއަށް ބާލައިފަ އެވެ.
އެއަށް ފަހު އަމާނުﷲ އެ ބަކެޓް ތެރޭގައި އިންކަން ބެލުމެއް ނެތި މާތޮޑާ އަވަށު ބޭރުމަގުން ހުޅަނގުން އިރަށް ލޯޑަރު ދުއްވާފައި ދަމުން ލޯޑަރުގެ ބަކެޓް ކުރިމައްޗަށް ބަންޑުން ކުރާގޮތަށް ފުރޮޅާލިވަގުތު އަމާނުﷲ ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
ގާނޫނުލް އުގޫބާތުގައިވާގޮތުން އެ ދައުވާ ސާބިތުވެއްޖެ ނަމަ ދެވޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުމެވެ. އެ ދައުވާ އަށްް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ އެއް ހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެ ދައުވާ އަށް ކަނޑައެޅޭ އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
މިއަދު 2:30 އަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ތާވަލްކުރި އެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސް އަށް ޒާހިދު ކޯޓަށް ހާޒިރުނުކުރެވޭތީ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.