15 Feb 2017, 15:45
ކޮލަމްބޯ (ފެބްރުއަރީ 15): ސްރީ ލަންކާގެ ސިފައިންގެ ފައުޖުތަކުގެ ތެރެއިން ފިލި މީހުން ހައްޔަރު ކުރުމަށް އެގައުމުގެ ފުލުހުންނާއި އަސްކަރީ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއްގެ ދަށުން 1،200 މީހަކު ހައްޔަރުކޮށްފި ކަމަށް ލަންކާ އަސްކަރިއްޔާ އިން ބުނެފި އެވެ.
ލަންކާ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ރޯޝަން ސެނެވިރަޓްނޭ ވިދާޅުވި ގޮތުގައި އުޒުރަކާ ނުލައި ވަޒީފާއަށް ހާޒިރު ނުވާ މީހުން ހައްޔަރު ކުރަން ފަށާފައި ވަނީ މިއަހަރުގެ އެއް ވަނަ ދުވަހެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހާ ހަމަޔަށް ހައްޔަރު ކުރި މީހުންގެ ތެރޭގައިި އަސްކަރިއްޔާގެ 984 ސިފައިންނާއި، ނޭވީގެ 236 ސިފައިންނާއި، އެއާ ފޯސްގެ 14 ސިފައިން ހިމެނެ އެވެ. މީގެ އިތުރުން ސިފައިންގެ ވަޒީފާއަށް ހާޒިރު ނުވާ 42،800 މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މީގެ ކުރިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލަންކާގެ ޑިފެންސް މިނިސްޓްރީން ވަނީ ސިފައިންގެ ފައުޖުތަކުން ފިލި މީހުން ރަސްމީކޮށް ވަޒީފާ އިން ވަކިވުމަށް މުއްދަތެއް ދީފަ އެވެ. އެމުއްދަތު ތެރޭގައި 34 އޮފިސަރުންނާއި އެހެން ރޭންކުތަކަށް ނިސްބަތްވާ 8843 ސިފައިން ވަޒީފާއިން ވަކިވުމަށް އެދުނު ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.