15 Feb 2017, 17:04
ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމުން މުހައްމަދު ޝާޒްލީ (ޝާޒް) ދުރުކުރިކަން އެނގުނީ ނޫސްވެރިންނާ އެ ކްލަބުން ބައްދަލުވުން ބޭއްވި ހިސާބުން ކަމަށާއި އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިނުވާ ކަމަށް ޝާޒް ބުނެފިއެވެ.
މި ސީޒަނުގައި ވިކްޓަރީގެ ކޯޗަކަށް ހަމަޖެއްސި ޝާޒް ދުރުކުރުމަށްފަހު އެމަގާމަށް އެކްލަބުގެ ކުރީގެ ކޯޗު އަލީ ސުޒޭން މިއަދު ވަނީ ހަމަޖައްސައިފައެވެ. ވިކްޓަރީގެ ކޯޗަކަށް ސުޒޭން ހަމަޖެއްސުމާއެކު ބޭއްވި ނޫސްވެރިން ބައްދަލުވުމަށްފަހު، ހަގީގަތް ހާމަކުރުމަށް ޝާޒް ވެސް ވަނީ އެފްއޭއެމް ހައުސްގައި މިއަދު މެންދުރުފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.
ޝާޒް ބުނީ، ވިކްޓަރީގެ ކޯޗުކަމާ ހަވާލުވެފައިވާނީ ވަރަށް ގިނަ ދުވަސްތަކަކު މަޝްވަރާކުރެވި ގިނަ ކަންތައްތަކަކަށް އެއްބަސްވުމަށްފަހު ކަމަށާއި ވިކްޓަރީގެ ކޯޗުކަމަށް ސުޒޭން ހަމަޖެއްސިކަން ވެސް އެނގުނީ ދާދި ދެންމެއަކު ކަމަށެވެ. އަދި ހެޑް ކޯޗަކާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ކަންތައްތަކެއް ބަޔާންކޮށްފައިވީ ނަމަވެސް، އެކަންތައްތައް ކުރެވިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފުރަތަމަ ކަމަކަށް ވިކްޓަރީގެ ހެޑްކޯޗްކަމާ އަލީ ސުޒޭން ހަވާލުވިކަން ދާދި ދެންމެއަކު މިއެނގުނީ. ހަގީގަތަށް ބުނާކަމަށްވަންޏާ ހެޑް ކޯޗަކާއެކު ކޮންޓްރެކްޓެއް ހެދިފައި އޮންނައިރު، ކޮންޓްރެކްޓް އުވާލެވޭނެ ގޮތްތަކެއް އެބައޮވޭ. އެކަމެއް ކުރެވިފައެއް ނެތް ވިކްޓަރީއަކަށް. ނޫސް ކޮންފަރެންސެއް ބޭއްވި ކަމަށްވިޔަސް، ހަގީގަތުގައި ވިކްޓަރީގެ ހެޑް ކޯޗަކަށް ސުޒޭން ހަމަޖެހިގެންނެއް ނުދާނެ. އެއީ ހެޑް ކޯޗަކާއެކު ހަދާފައި އޮތް އެގްރިމަންޓެއް އެބައޮވޭ. އެކަން އެބަ ނިންމަންޖެހޭ. އެއްވެސް ސަބަބެއްނެތި ވެސް ވިކްޓަރީގެ ހެޑް ކޯޗުކަމުން ދުރުކުރާނަމަ ދެންވެސް ކުރަންޖެހޭ ކަމެއް އެބައޮވޭ،" އިއްޔެގެ ނިޔަލަށް ވިކްޓަރީގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔަ ޝާޒް ބުންޏެވެ.
ޝާޒް ބުނީ، ވިކްޓަރީގެ ކޯޗު ހާސިލްކުރަންޖެހޭ ވަކި ޓާގެޓްތަކެއް އޮންނަ ކަމަށާއި މުބާރާތެއް ނުފަށަނީސް ޓާގެޓެއް ހާސިލްވިތޯ ނުވަތަ ނޫންތޯ ނޭނގޭނެ ކަމަށެވެ. އަދި ވިކްޓަރީން އެއްބަސްވި ގިނަ ކަންތައްތަކެއް އެކްލަބުގެ މެނޭޖްމަންޓަށް ކޮށްދެވިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ވަރަށް ހައިރާން ކުރަނިވި ކަމެއް ކަންނޭނގެ މުބާރާތެއް ނުފަށަނީސް ވިކްޓަރީގެ އެއްވެސް ޓާގެޓަކާ ހިސާބަށް ކްލަބެއް ނުގެންދެވޭނެ އެއްވެސް ކޯޗަކަށް. ވިކްޓަރީއާ ހަވާލުވީއިރުގައި ވިކްޓަރީގެ މެނޭޖްމަންޓާ ވަރަށް ގިނަ ވާހަކަތަކެއް ދެކިފައިވާނެ ވިކްޓަރީއަށް ކުޅުންތެރިން ހޮވުމުގައި ވެސް ކުޅުންތެރިން ގެނައުމުގައި ވެސް އަދި ޓްރެއިނިން ޕްލޭން ހެދުމުގައި ވެސް މިހުރިހާ ކަމެއްގައި މުޅި މެނޭޖްމަންޓް ހިއްސާވެގެން މިކަން މިކުރީ. ބޭރު ކުޅުންތެރިން އަދި ދިވެހި ކުޅުންތެރިން ގެނައި އިރުގައިވެސް. މީގެ ތެރޭގައި ވަރަށް ބޮޑަށް އެއްބަސްވެފަ އޮތް ކަމެއް ޓްރޭނިން ކޭމްޕެއް ދިއުން. އެކަމެއް ނެތް ވެފައެއް.
"ބޭރު ކުޅުންތެރިން، ސީޒަނަށް ޕްރެކްޓިސް ފެށޭއިރު ގެންނަން ވެސް އެއްބަސްވެފައިވަނީ. އެކަމެއް ވެސް ނެތް ވެފައެއް. ހަމައެއާއެކު ކުޅުންތެރިންގެ މުސާރަ ވެސް ނެތް ދެވިފައެއް. މިހުރިހާ ކަމެއް ހިނގާ ދާއިރުގައި ވެސް މިހާރު ވިކްޓަރީގެ އަމާޒު މިހުރީ ހެޑް ކޯޗު އެއް ފަރާތްކޮށްފައި ހެޑް ކޯޗެއް ގެނައުން. ހަގީގަތުގައި ކްލަބެއްގެ މުހިންމު ކަމަކަށް ވާން ޖެހޭނީ ކްލަބެއް ހަރުދަނާކުރުން އަދި އޮތް ހިސާބުން ރަނގަޅު ހިސާބަކަށް ގެންދިއުން. އެހެންވީމަ، މީގައި ކޮންމެވެސް ވަރެއްގެ ނޭދެވޭ ކަންތައްތަކެއް އެބައުޅޭ ކަމަށް މިހުރިހާ ކަމަކުން ވެސް ސާބިތުކުރެވޭ. އެހެންވީމަ އެކަން ވަރަށް ބޮޑަށް ބަލައިލަން އެބަޖެހޭ." އޭނާ ބުންޏެވެ.
ވިކްޓަރީގެ ކޯޗަކަށް ސުޒޭން ހަމަޖެއްސިއިރު، އެކްލަބުގެ ކޯޗުކަމުން ޝާޒް ދުރުކުރި ވަކި ސަބަބެއް އެކްލަބުން ހާމަކޮށްފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމް ވިދާޅުވީ، ޕްރީ ސީޒަން ނިމުމަކަށް ދާއިރު ކޯޗިން ސްޓާފުންނާއި ކުޅުންތެރިންނާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމަށާއި ޝާޒް ދުރުކުރީ ގިނަ މަޝްވަރާކުރުމަށްފަހު އެކްލަބު މެނޭޖްމަންޓުން ކަމަށެވެ.