ޑެންގޫ ހުން ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނުވަ މަހުގެ ފިރިހެން ކުއްޖަކު ރޭ ދަންވަރުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ނުވަ މަހުގެ އެ ކުއްޖާ އަށް ޑެންގޫ ހުންޖެހިގެން އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށާއި އެ ކުއްޖާ މަރުވީ ސިއްހީ ހާލަތު ދެރަވެ، އައިސޫޔޫގައި ފަރުވާދެމުން ދަނިކޮށް ދަންވަރު 12:27ގައި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މަރުވީ މުހައްމަދު ހަމީސް، މ. ވޭވަށު ފެހިވިނަގެ އެވެ. އަދި އޭނާ ވަޅުލާފައި ވަނީ ރޭ ފަތިހު 3:45 ގަ އެވެ.

ނަމަވެސް އެ ތުއްތު ކުއްޖާގެ އާއިލާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މިދުވަސްވަރު ޑެންގޫ ހުމާއި ވައިރަލް ފީވާ މާލޭގައި ވަރަށް ބޮޑަށް ފެތުރެން ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ. އަދި މިޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ޑެންގޫ ހުމާއި ވައިރަލް ފީވާ ޖެހިގެން އެ ހޮސްޕިޓަލަށް ދައްކާފައިވާ މީހުންގެ އަދަދު 84 އަށް އަރާފައިވާ ކަމަށް ވެސް އެއިޖީއެމްއެޗުން ބުންޏެވެ.

އަދި އަރިދަފުސް ރޯގާ ޖެހިގެން އެ މުއްދަތުގެ ތެރޭގައި އެ ހޮސްޕިޓަލަށް ދައްކާފައިވާ މީހުންގެ އަދަދު 1493 އަށް އަރާފައިވާ ކަމަށް ވެސް ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ މި މަހު ޑެންގޫ ހުން ޖެހިގެން އެ ހޮސްޕިޓަލަށް ދެއްކި މީހުންގެ އަދަދު 14 އަށް އަރާފައިވާ ކަމަށެވެ.