ޗެރިޓީ ޝީލްޑް މެޗުގައި މާދަމާ ހަވީރު ވެލެންސިއާއާ ދެކޮޅަށް ނިކުންނަ އިރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ކުޅުންތެރިންގެ ފަރާތުން އެ ކުޅުންތެރިންގެ އެންމެ ބެސްޓް ކުޅުން ދައްކައިފި ނަމަ ކާމިޔާބު ވާނެ ކަމަށް ކޯޗު މަރްޔަން ސެކުލޮސްކީ ބުނެފި އެވެ.

މާދަމާގެ މެޗުގެ ކުރިން މިއަދު މެންދުރު އެފްއޭއެމް ހައުސްގައި ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ސެކުލޮސްކީ ބުނީ އޭނާގެ އެންމެ ބޮޑަށް ހިތްހަމަޖެހުމަކީ ޕްރެކްޓިސްގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ޕާފޯމެންސްއެއް ފެންނާތީ ކަމަށާއި ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ.

"މާޒިޔާއާ އެކު ޕްރެކްޓިސް ކުރާތާ މަހަކާއި ދިހަ ދުވަސް މިވީ. ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ވަރަށް ރަނގަޅު ސަޕޯޓެއް ލިބޭ. މާދަމާގެ މެޗުގައި އެ ކުޅުންތެރިންގެ އެންމެ ބެސްޓް ކުޅުން ދައްކައިފި ނަމަ މެޗު ކާމިޔާބު ކުރެވޭނެ،" މިސީޒަނުގައި މާޒިޔާގެ ކޯޗުގެ މަގާމާއި ހަވާލުވި މެސެޑޯނިއާގެ ކޯޗު ސެކުލޮސްކީ ބުންޏެވެ.

މާޒިޔާއަށް ވުރެން ފަހުން ވެލެންސިއާ ޕްރެކްޓިސް ފެށި ނަމަވެސް ވެލެންސިއާ ވަނީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރަށް ކޮލިފައިވުމުގެ ގޮތުން ބޫޓާންގެ ތިމްޕޫ ސިޓީއާދެކޮޅަށް ވާދަވެރި ދެ މެޗު ކުޅެފަ އެވެ.

"މިއީ މާޒިޔާ އިން މި ސީޒަނުގައި ކުޅޭ އޮފިޝަލް ފުރަތަމަ މެޗު. ނަމަވެސް ވެލެންސިއާ އިން ވާދަވެރި ދެ މެޗު ކުޅެފައި ވުމުން އެކަމުގެ ފައިދާ އެމީހުނަށް ކުރާނެ. އެމީހުންގެ އެބަތިބަ ރާއްޖެ އާއި ބޭރުގެ ވަރަށް ގިނަ ތަޖުރިބާކާރު ކުޅުންތެރިންތަކެއް،" ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ ބުނީ މާޒިޔާގައި އޮތް ސްކޮޑާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެޓީމްގައި އޮތީ ވިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސްކޮޑު ކަމަށެވެ.

ކުރިން މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗު އެފްއޭއެމް އިން މިހާރު ވަނީ ހަވީރު 4:00ގައި ކުޅޭ ގޮތަށް އަވަސްކޮށްފަ އެވެ. އެފްއޭއެމްއިން ބުނީ މެޗު ހަވީރަށް އަވަސް ކުރީ މާދަމާ ރޭ ސަރުކާރުގެ ބޮޑު އިވެންޓެއް އޮތުމުން ގިނަ ބަޔަކަށް މެޗު ބަލާލަން ވަދެވޭނެ ގޮތް ހެދުމުގެ ގޮތުން ކަމަށެވެ.