އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް އުދަ އަރައިފާނެ ކަމަށް ނިމުތު ކުރެވޭތީ ރައްޔިތުން އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އިރުޝާދުދީފި އެވެ.

އެ ސެންޓަރުން ރައްޔިތުންނަށް ދުރާލާ އިންޒާރު ދިނުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ރައްކާތެރިވުމުގެ އިރުޝާދުގައި ބުނީ މިހާރު ރާއްޖޭގެ ސަރަހައްދުތަކުގައި އުސްބާނިތަކެއް އުފެދިފައިވުމާއި ވައިގަދަވުމުގެ ސަބަބުން އުދައަރާފާނެކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި ކަމަށާއި މިއަދު ވެސް އަދި މިރޭ ވެސް ދިޔަވަރު އެންމެ ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާ ކަމަށް އެ ސެންޓަރުން މައުލޫމާތުދެ އެވެ.

އުދަ އެރުމަކީ ސުނާމީ ނުވަތަ ތޫފާނަކާ ގުޅިގެން ކުރިމަތިވާ ކަމެއް ނޫންކަމަށް އެ އިދާރާއިން ބުންޏެވެ. ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ އުދަ އަރަފާނެ ކަމަށް ބަލައި، ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިރުޝާދު ދީފަ އެވެ. އެ އިރުޝާދުތައް ތިރީގައި އެވަނީ އެވެ.

އުދައިގެ އަސަރު ނުވަތަ ލޮނުގަނޑު ރަށުތެރެއަށް ވަދެ ގެދޮރަށް ވަންނަ ކަމުގައިވާ ނަމަ ގެއަށް ލޮނުގަނޑުވަނުން ކޮންޓްރޯލް ކުރުމަށް ވެލިބަސްތާ ފަދަ އެއްޗެހި ބޭނުންކޮށްގެން ލޮނުގަނޑު ގެއަށް ވަނަ ނުދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ގެއަށް ލޮނުގަނޑު ވަންނަކަމުގައިވާ ނަމަ ހިފާގެންގުޅޭ ތަކެއްޗާއި އަދި އިލެކްޓްރޯނިކްސް ސާމާނު ލޮނުގެ އަސަރު ނުކުރާނެ ތަނަކަށް ބަދަލުކުރުމާއި އުދަ އަރާ ދިމާލުގައި ހުންނަ އޮޔާދާނެ ފަދަ ތަކެތި އެހެން ތާކަށް ބަދަލުކުރުން ނުވަތަ އޮޔާ ނުދާނެ ފަދަ ގޮތަކަށް ބަނދެ ހައްޔަރު ކުރަން ވަނީ އެދިފަ އެވެ.

ވައިގަދަވެ ލިބޭ ގެއްލުމެއްގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ނަންބަރު 115 އަށް ގުޅުމަށް އެ ސެންޓަރުން އެދެ އެވެ.