15 Feb 2017, 15:53
ކުށުގެ ރެކޯޓު އޮތް ނަމަވެސް ޓްރެވަލް އޭޖެންސީތައް ހިންގޭނެ ގޮތަށް ރާއްޖޭގައި ޓޫރިޒަމާ ގުޅުން ހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު (ޓްރެވަލް އޭޖެންސީ ހިންގުމުގެ ގަވާއިދަށް) އިސްލާހު ގެނެސްފި އެވެ.
އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ރ)އުނި ކޮށްފަ އެވެ. އެއީ އެގަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައި ވާ އަކުރެކެވެ.
ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ރ)ގައި މީގެ ކުރިން އޮތީ "ދަތުރު ރާވައި ހިންގުމަށް އެދޭ ފަރާތް ނުވަތަ އެފަރާތަކީ ކުންފުންޏެއް ނުވަތަ އެނޫން ވެސް ވިޔަފާރި ޖަމާއަތެއް ކަމުގައިވުމާއި، އަދި ކުންފުންޏެއް ނުވަތަ ވިޔަފާރި ޖަމާއަތެއްގެ ޑިރެކްޓަރުންނަކީ ޓްރެވަލް އެޖެންސީ ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ދުވަހާ ހަމައަށް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވައްކަން، ޓެކުން، ފޭރުން، ޚިޔާނާތް އަދި މަކަރާއި ހީލަތް މިއިން ކުށެއްގެ ރިކޯޑެއް ނެތް ފަރާތެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ރާއްޖޭގެ ކޯޓުތަކުން ދީފައިވާ ލިޔުމެއް އޮތުން" އެއީ މަޖުބޫރު ކަމެއް ގޮތުގައި ކަނޑައަޅައިފަ އެވެ.
މިމަހުގެ 14 ވަނަ ދުވަހު ގެޒެޓު ކުރި އާ ގަވާއިދުގައި ބުނެފައި ވަނީ އެ މާއްދާ އުނިކޮށްފައިވާ ކަމަށެވެ. އަދި އާގަވާއިދަށް އަމަލު ކުރަން ފަށާނީ ގެޒެޓު ކުރާ ދުވަހުން ފެށިގެން ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
އެ ގަވާއިދުގެ ދަށުން ޓްރެވަލް އެޖެންސީތައް ހިންގަން ޖެހޭ އުސޫލު ބަޔާންކޮށްފައިވެ އެވެ. އެގޮތުން ޓޫރިޒަމާ ގުޅުން ހުރި ދަތުރުތައް ރާވައި ހިންގުމަށް ހުއްދަ ދެވޭ އޮފީހަކީ ވަކިން ވަދެ ނިކުމެ އުޅެވޭ ގޮތަށް ހުންނަ އޮފީހަކަށް ވާން ޖެހެ އެވެ. އަދި އެފަދަ ހުއްދައެއް ދޫކުރާ އޮފީހެއްގައި އިތުރު އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް ވެސް އެގަވާއިދުގައިވެ އެވެ.