14:30


ޗައިނާގެ ޕްރީސްކޫލެއްގެ ތެރެއަށް ވަދެގަތް މީހަކު އަނެއްކާ ވެސް ދަރިވަރުންތަކަކަށް ވަޅިން ހަމަލާދީ މަރާލައިފި އެވެ.


ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީން މައުލޫމާތު ދިން ގޮތުގައި މިހަމަލާ ދީފައިވަނީ އުތުރު ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ސްކޫލަކަށެވެ. އަދި ވަޅިން ހަމަލާދިނުމުގެ ސަބަބުން ހަ ދަރިވަރަކާއި ޓީޗަރަކު މަރުވެ އިތުރު 20 މީހަކަށް އަނިޔާވެފައިވާކަމަށާއި އަނިޔާވެފައިވާ މީހުން މިހާރު އެޕްރޮވިންސްގެ ހޮސްޕިޓަލަކުން ފަރުވާ ހޯދަމުން ދާ ކަމަށް ވެސް އެފަރާތުން މައުލޫމާތު ދިނެވެ.


ޒިންހުއާ ނިއުސް އޭޖެންސީން އިތުރަށް ބުނެފައިވަނީ މިހަމަލާ ދިން މީހާ ހަމަލާ ދިނުމަށް ފަހު އަމިއްލަ އަށް މަރުވެފައިވާ ކަމަށެވެ.


މިކަމާ ގުޅިގެން ވެރިރަށް ބެއިޖިންގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައިވަނީ މިހަމަލާއާ ބެހޭ މައުލޫމާތު އާންމުނުކުރުމަށް ޗައިނާ ސަރުކާރުން އެގައުމުގެ މީޑިއާއަށް ބާރު އަޅަމުންދާ ކަމަށެވެ. އަދި މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ ހަމަލާތަކެއް ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުވާން ޖެހުނު ސަބަބެއް ބެލެނިވެރިންނަށް ބަޔާންކޮށްދޭން ކަމާ ބެހޭ ފަރާތްތަކުން ނުކުޅެދިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.


މި ހަމަލާ އަކީ މިއަހަރުތެރޭ ޗައިނާގެ ސްކޫލަކަށް ދިން މިފަދަ ހަވަނަ ހަމަލާ އެވެ. މިކަމާ ގުޅިގެން ޗައިނާ ސަރުކާރުން ދަނީ އެގައުމުގެ ސްކޫލްތަކުގެ ސެކިއުރިޓީ ނިޒާމް ވަރުގަދަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.