15 Feb 2017, 11:06
ދިއްލީ(ފެބްރުއަރީ 15): އިންޑިއާ އިން 104 ސެޓެލައިޓް ލޯންޗުކޮށް، އެއް ފަހަރާ އެންމެ ގިނަ ސެޓެލައިޓު ލޯންޗު ކުރި ގައުމުގެ ރިކޯޑު ހޯދައިފި އެވެ.
މީގެ ކުރިން އެރިކޯޑު އޮތީ 2014 ވަނަ އަހަރު 37 ސެޓެލައިޓު ލޯންޗު ކުރި ރަޝިއާގެ އަތުގައެވެ.
އިންޑިއާގެ ސްރިހަރިކޮޓާ ސްޕޭސް ސެންޓަރުން މިއަދު ލޯންޗު ކުރި ސެޓެލައިޓުތަކުގެ ތެރެއިން ތިން ސެޓެލައިޓު ފިޔަވައި ހުރިހާ ސެޓަލައިޓު ނިސްބަތްވަނީ ބޭރު ގައުމުތަކަށެވެ. އޭގެ ތެރޭގައި އެމެރިކާގެ 96 ސެޓެލައިޓާއި، އިސްރާއީލް، ކަޒަކިސްތާނު، ޔުނައިޓެޑް އަރަބި އެމިރޭޓްސް، ސްވިިޒަލޭންޑް އަދި ނެދަލޭންޑްސްއަށް ނިސްބަތްވާ ސެޓެލައިޓު ހިމެނެ އެވެ.
އަދި އިންޑިއާއިން ލޯންޗު ކުރި ސެޓެލައިޓުތަކުގެ ތެރޭގައި ހައި ރެޒޮލިއުޝަން ފޮޓޯތައް ނަގާ ސެޓެލައިޓެއް ހިމެނޭ ކަމަށާއި، އެސެޓެލައިޓު ބޭނުން ކުރާނީ ސަރަހައްދީ ވާދަވެރިން ކަމަށްވާ ޕާކިސްތާނާއި ޗައިނާ މޮނިޓާ ކުރަން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.
ފާއިތުވި 20 އަހަރު ތެރޭގައި އިންޑިއާއިން ވަނީ ޖައްވީ ދާއިރާއިން ކުރިއެރުންތައް ހޯދައިފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި އިންޑިއާ ސަރުކާރުން ވަނީ އެގައުމުގެ ސްޕޭސް ޕްރޮގްރާމަށް ކަނޑައަޅާފައިވާ ބަޖެޓު އިތުރުކޮށް، ވީނަސްއަށް މިޝަންއެއް ފޮނުވަން ރާވަމުންދާ ކަން އިއުލާންކޮށްފައެވެ. (ބީބީސީ)