ސޯލް (ފެބްރުއަރީ 15): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ އެއްބަފާ ބޭބެ، ކިމް ޖޮންގް ނަމް އަވަހާރަކޮށްލައިފި ކަން ދެކުނު ކޮރެއާއިން ކަށަވަރުކޮށްދީފި އެވެ.

މިދިޔަ ހޯމަ ދުވަހު ކިމް ޖޮންގް ނަމް އަވާހަރަކޮށްލާފައި ވަނީ މެލޭޝިއާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ކަމަށް ފުލުހުން ބުނެ އެވެ.

ކިމް އަވަހާރަކޮށްލަން އޭނާއަށް ހަމަލާ ދީފައި ވަނީ ކިހިނެއް ކަމެއް އަދި ޔަގީންވެފައި ނުވެ އެވެ. މަންޒަރު ދުށް ފަރާތްތަކުންނާއި އޮފިޝަލުން ހަމަލާ ސިފަކޮށްފައި ވަނީ ތަފާތުކޮށެވެ. އެގޮތުން ކިމްގެ މޫނަށް ކެމިކަލް ޖެހި ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު އެހެން ފަރާތްތަކުން ބުނާ ގޮތުގައި އޭނާ އަވަހާރަކޮށްލީ މޫނުގައި ފޮތިކޮޅެއް އަޅައިގެންނެވެ. އަދި އެންމެ ފުރަތަމަ އާއްމުވި ރިޕޯޓުތަކުގައިވާ ގޮތުން ކިމް އަވަހާރަކޮށްލީ އެއްޗެއް ސްޕްރޭކޮށްގެން ނުވަތަ ޒަހަރު ލާފައިވާ ތިނޯހެއް އޭނާގެ ގައިކޮޅަށް ހަރައިގެންނެވެ.

ކިމް އަވަހާރަވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ. ހޯމަ ދުވަހު އޭނާ އަވަހާރަވި ނަމަވެސް ކިމް އަވަހާރަވިކަން މެލޭޝިއާއިން ހާމަ ކުރީ އަންގާރަ ދުވަހު އެވެ. ކިމް އަވަހާރަވި ސަބަބު ހޯދުމަށް ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މެލޭޝިއާގެ ފުލުހުން ވަނީ އެހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް އެއާޕޯޓުގެ ސީސީޓީވީ ފުޓެޖް ބަލައި، އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ކިމް ޖޮންގްއަށް ހަމަލާ ދީފައި ވަނީ އުތުރު ކޮރެއާގެ އޭޖެންޓުންނެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ވައިޓް ހައުސް އިން ރަސްމީކޮށް ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ.

ދެކުނު ކޮރެއާގެ ވަގުތީ ރައީސް ހުވަންގް ކިޔޯ އަން ވިދާޅުވި ގޮތުގައި އެހަމަލާ އަކީ އުތުރު ކޮރެއާ އިން ދިން ހަމަލާއެއް ނަމަ، އޭގެއިން ހާމަވެގެން ދަނީ އެގައުމުގެ އަނިޔާވެރި ކަމާއި ލާއިންސާނީ ކަމެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ކިމް އަވަހާރަކޮށްލުމަށް މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން 2012 ވަނަ އަހަރު ދެކުނު ކޮރެއާއިން ހައްޔަރު ކުރި އުތުރު ކޮރެއާގެ ޖާސޫސީ އޭޖެންޓަކު ވަނީ ކިމް ޖޮންގް ނަމް އަވަހާރަކޮށްލަން ރޭވި ކަމަށް އެއްބަސްވެފައި ކަމަށް އެރިޕޯޓުތަކުގައިވެ އެވެ.

ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ އުތުރު ކޮރެއާއިން ކަމަށްވާ ނަމަ، އެއީ 2013ގެ ފަހުން އެގައުމުން މަރާލި އެގައުމުގެ އިސް ފަރާތެވެ. ދެހާސްތޭރަ ވަނަ އުތުރު ކޮރެއާ އިން ވަނީ ކިމް ޖޮންގް އުންގެ ބޮޑުބޭބެ ޗަންގް ސޮންގްތައެކް އަށް މަރުގެ އަދަބު ދީފަ އެވެ. (ބީބީސީ)