28 Jun 2011, 09:32
އިސްލާމް އާބާދު : ޕާކިސްތާނުގެ ސަރަޙައްދީ ރޮނގުގެ ގާޑުންނަށް ޓެރަރިޒަމާ އިދިކޮޅު ތަމްރީން ދިނުމުގައި ޙަރަކާތްތެރިވާ އިނގިރޭސިވިލާތުގެ ޢަސްކަރީ މުސްތަޝާރުންގެ ޓީމެއް ޕާކިސްތާނުން ބޭރުކޮށްލައިފިއެވެ.
އިނގިރޭސި ދިފާޢީ ވުޒާރާއާ ޙަވާލާދީ ލަންޑަންގައި ނުކުންނަ "ދަ ގާޑިޔަން: ނޫސް ބުނިގޮތުގައި ޕާކިސްތާނުގައި ޙަރަކާތްތެރިވާ އިނގިރޭސި ޢަސްކަރީ މުސްތަޝާރުންގެ ޓީމް އެޤައުމުން ބޭރުކުރުމަށް ޕާކިސްތާނުން ނިންމުމާގުޅިގެން ކުއްލި ގޮތެއްގައި އެޓީމް ޕާކިސްތާނުން ބާލައި އިނގިރޭސިވިލާތަށް ގެނަސްފައިވާ ކަމުގައެވެ.
އިނގިރޭސި ޢަސްކަރީ ތަޖްރިބާކާރުންގެ ޓީމް ބޭރުކޮށްލުމަށް ނިންމި ސަބަބެއް ޕާކިސްތާނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިސްލާމް އާބާދުގައި ހުންނަ އިނގިރޭސި އެންބަސީގެ ތަރްޖަމާން ޖޯޖް ޝަރީފް ވިދާޅުވީ މިއީ ސަލާމަތީ ސަބަބުތަކަށްޓަކައި ޕާކިސްތާނުން އެޅި ފިޔަވަޅެއް ކަމަށް ބެލެވޭ ކަމުގައެވެ.
އިނގިރޭސި ޢަސްކަރީ މުސްތަޝާރުންގެ މިޓީމް ޙަރަކާތްތެރިވެފައިވަނީ ޕާކިސްތާނުގެ ދެކުނުގެ ބަލޫޗިސްތާންގައެވެ. އެޓީމް ޙަރަކާތްތެރިވަމުން ގެންދިޔައީ ޕާކިސްތާނުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ގާޑުންނަށް ޓެރަރިޒަމާ އިދިކޮޅު ތަމްރީން ދިނުމަށް ކަމަށާ 2013 ވަނަ އަހަރުގެ އޮގަސްޓްމަހާ ހަމައަށް އެޓީމް ޕާކިސްތާނުގައި ޙަރަކާތްތެރިވުމަށް ރޭވިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ޕާކިސްތާނުގެ އެދުމުގެ މަތިން އެމެރިކާވެސް ދާދިފަހުންވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ޢަސްކަރީ މުސްތަޝާރުންގެ 110 މީހަކު ޕާކިސްތާނުން ބާލާފައެވެ. -- އަލްޖަޒީރާ