ބޮލީވުޑުގެ ރަސްގެފާނު ޝާހުރުކް ޚާން އާ ދެކޮޅަށް، ހަމަނުޖެހުން ހިންގުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއް ހުށަހަޅައިފި އެވެ.

ޝާހު އާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ، ފިލްމު 'ރައީސް'ގެ ޕްރޮމޯޝަނަށް ޝާހު ރޭލުގައި ދަތުރު ކުރަމުން ދިޔަ އިރު، އޭނާއަށް ސަޕޯޓު ކުރާ ގިނަ އަދަދެއްގެ ބަޔަކު ކޯޓާ ރެއިލްވޭ ސްޓޭޝަނަށް އެއްވުމުގެ ސަބަބުން ހަމަނުޖެހުން ހިނގައި އެތަނުގައި ހުރި ބައެއް މުދަލަށް ގެއްލުން ލިބިފައިވާތީ އެވެ.

ޝާހު އާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ ސްޓޭޝަނުގައި އެއްޗެހި ވިއްކުމުގެ މަސައްކަތް ކުރާ ވިކްރަމް ސިންގް، ސަރުކާރުގެ ރެއިލްވޭ ޕޮލިސް އަށް ހުށަހެޅި ޝަކުވާ އަކާ ގުޅިގެންނެވެ.

މިދިޔަ ހޯމަ ދުވަހު ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ޝާހު ދަތުރު ކުރަމުން ދިޔަ ރޭލު ކައިރިއަށް އެއްވެ ތިބި މީހުންގެ ތެރެއަށް ޝާހު އެއްޗެއް އެއްލި ކަމަށާއި، ހަމަނުޖެހުން ހިނގީ ޝާހު އެއްލި އެއްޗެއް ނެގުމަށް މީހުންގަނޑު އެކީގައި އެދިމާލަށް ދުއްވައިގަތުމުން ކަމަށެވެ.

އަދި ހަމަނުޖެހުމުގެ ތެރޭގައި ވިކްރަމްގެ ބައެއް މުދަލަށާއި އޭނާ އަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައި ވާއިރު، މައްސަލައިގެ ތަހުގީގު ވަނީ ފަށައިފައެވެ.