14 Feb 2017, 23:09
މިދިޔަ ހުކުރު ދުވަހު އއ. ތޮއްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވެ، އިތުރު ފަރުވާއަށް މާލެ ގެނައި ޒުވާނާ މިރޭ މަރުވެއްޖެ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ސަން"އަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ ޒުވާނާ މަރުވީީ އައިޖީއެމްއެޗުގައި ފަރުވާ ދަނިކޮށް، މިރޭ 9:30 ހާ އިރު ކަމަށެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި، މަރުވީ ޝާފިއު ކިޔާ 34 އަހަރުގެ ޒުވާނެކެވެ.
ހުކުރު ދުވަހު ތޮއްޑޫގައި ހިނގި އެކްސިޑެންޓް ހިނގަން މެދުވެރިވީ ތިން މީހުން އަރައިގެން ދުއްވި ސައިކަލު ކޮންޓްރޯލު ނުވެގެން ގޮސް މަގެއްގައި އިން ރުކެއްގައި ޑްރައިވަރުގެ ބޯ ޖެހިގެންނެވެ.
އޭނާއަށް ލިބުނު ޒަޚަމުތަކާ ގުޅިގެން ހޭ ނެތިފައި އޮތް އިރު، އޭނާ ނޭވާލަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.
އައިޖީއެމްއެޗުން ބުނީ، ޝާފިއުއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް އޭނާ ބަދަލުކުރުމަށް އާއިލާއިން އެދުނު ކަމަށާއި، ނަމަވެސް އޭނާގެ ހާލަތު ހުރި ގޮތުން އެކަން ނުކުރުމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ލަފާ ދިން ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭނާގެ މޫނުމަތި، ބޮލާއެކު ރުކުގައި ޖެހުމުގެ ސަބަބުން ވަނީ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައެވެ.
އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި ދެން ތިބި ދެމީހުންނަށް އއ. ރަސްދޫ ހޮސްޕިޓަލުން ފަރުވާ ދިނެވެ. ނަމަވެސް ދެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބެއެވެ.