ޤައްޒާފީއާއި އޭނާގެ ދަރިކަލުން ސައިފުލްއިސްލާމް އާއި ލީބިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢަބްދުﷲ ސުނޫސީ
ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމަށް ތުހުމަތުކޮށް ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީއާއި އޭނާގެ ދަރިކަލުން ސައިފުލްއިސްލާމް އާއި ލީބިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢަބްދުﷲ ސުނޫސީ ހައްޔަރު ކުރުމުގެ އަމުރެއް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ނެރެފިއެވެ.

މިތިން ބޭފުުޅުން ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ގައްޒާފީގެ ވެރިކަމާ ދެކޮޅަށް މިދިޔަ ފެބްރުއަރީމަހު މުޒާހަރާކުރި ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އެތަށްބަޔަކު މަރާލުމުގެ ފަހަތުގައި މިތިންބޭފުޅުން ތިއްބެވި ކަމަށް ބުނެ އެބޭފުޅުން ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ އެދުނު އެދުމުގެ މަތިންނެވެ.

ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ މިއަމުރަށް މަރްޙަބާ ކިޔާފައިވާއިރު ލީބިޔާ ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަކީ މުނާފިޤު ތަނެއްކަމަށް ސިފަކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ފަހަތުގައިވާ އިސްރާއީލުގެ ވެރިންގެ މައްސަލަތައް ބެލުމުގައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު ފޭލްވެފައިވާތީ އެއީ ވަކިބައެއްގެ ސިޔާސީ ނުފޫޒުގެ ދަށުގައިވާ ކޯޓެއްކަމަށް ބައެއް ޤައުމުތަކުންވަނީ ތުހުމަތު ކޮށްފައެވެ.

ގައްޒާފީ ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ނެރުމުން ހުޅަނގުގެ ޤައުމުތައްވަނީ އެކަމަށް މަރްޙަބާކިޔާފައެެވެ. -- އަލްޖަޒީރާ