މާލޭ ވިޔަފާރި ބަނދަރު މިދިޔަ އަހަރުގެ ފަހުކޮޅު ތޮއްޖެހުމާ ގުޅިގެން ބައެއް ޝިޕިންގް ކުންފުނިތަކުން ނަގަމުން ދިޔަ މިހާރު ނަގަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ، އެ ފީ ނެގުން ހުއްޓާލަން ވިޔަފާރި ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އަންގައިފިއެވެ.

އެމްޕީއެލްގައި ބޭނުންކުރި ގިނަ އިކުއިޕްމެންޓްތައް މިދިޔަ އަހަރުގެ ތެރޭގައި ހުރީ ހަލާކުވެފައެވެ. އެކަމުގެ ސަބަބުން އެތަނުގެ އޮޕަރޭޝަންތައް ލަސްވެ، ކޮންޓެއިނަރުތައް ކްލިއާނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ބަނދަރު ތޮއްޖެހުމާ ކުރިމަތިލާން ޖެހުނެވެ.

އަދި މުދާ ބޭލުމަށް ބަނދަރަށް ކައިރިކުރާ ބޯޓުފަހަރުން މުދާ ބޭލުން ލަސްވެ، އެހެނިހެން ބޯޓުތައް ވެސް ކިއުގައި ޖެހި، ގިނަ ދުވަސްތައް ހޭދަކުރަން ޖެހުނެވެ.

ނަމަވެސް އެމްޕީއެލްއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ، ބަނދަރުގެ އޮޕަރޭޝަންތައް އެވެ.

އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގއި ބުނީ، ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހަލުއިކޮށްފައިވާ އިރު، އެކަމުގެ ސަބަބުން އަމިއްލަ ޝިޕިންގް ލައިންތަކުގެ އޮޕަރޭޝަނަލް ޚަރަދުވެސް ކުޑަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި ބަނދަރު ތޮއްޖެހުމުގެ މައްސަލަ މިހާރު ހައްލުވެފައިވާތީ، ކުރިން ކުންފުނިތަކުން ނަގަމުން އައި ކޮންޖެޝަން ޗާޖު ފަދަ ފީތައް ނެގުމުގެ ސަބަބެއް މިހާރު ނެތް ކަމުން، އެ ފީތައް ނެގުން ހުއްޓާލުމަށް އެމްޕީއެލްއިން އެ ބަޔާނުގައި ގޮވާލިއެވެ.

އެމްޕީއެލްއިން ބުނީ، ވިޔަފާރި ބަނދަރަށް މުދާ ގެންނަ ފަރާތްތަކުގެ އަތުން ޕޯޓް ޗާޖަސް އާއި ޓާމިނަލް ހެންޑްލިންގް ފީ އަދި މުދަލުގެ ފީ ނެގުމަށްފަހު ވެސް، އިތުރު އެހެނިހެން ފީތަކެއް ނަގާކަމުގެ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށެވެ.

މީގެ ތެރެއިން ބައެއް ޗާޖުތައް ނަގަނީ އެމްޕީއެލްއިން ނަގާ ޗާޖުތަކެއް ކަމުގައި ތަސައްވަރު ކުރެވޭ ނަން ނަމުގައި ކަމަށް ބުނެ، އެމްޕީއެލްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޕީއެލްއިން ބުނީ އެކި ނަން ނަމުގައި ޝިޕިންގް އޭޖެންޓުން އެކި ކަހަލަ ފީތަކާއި ޗާޖުތައް ނެގުމަކީ އާންމު ރައްޔިތުންނާ ހަމައަށް ފޯރާ މުދަލުގެ އަގު ބޮޑުވާނެ ކަމެއް ކަމަށެވެ.