14 Feb 2017, 19:16
މިއަހަރު ބާއްވާ މޯލްޑިވްސް ކޮންސިއުމާ ފެއާ، މިދިޔަ އަހަރަށް ވުރެ ތިން ގުނައަށް ބޮޑުވާނެ ކަމަށް އެ މައުރަޒު އިންތިޒާމުކުރާ ކުންފުނި، ބްލަކް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
އެކި ބާވަތްތަކާއި ދާއިރާތަކުގެ ފާސްޓް މޫވިންގް ކޮންސިއުމާ ގުޑްސްގެ ވިޔަފާރިކުރާ ފަރާތްތަކާއި ކޮންސިއުމަރުން އެއްތަނަކުން ބައްދަލުކޮށް، ވިޔަފާރިކުރުމުގެ މާހައުލެއް ގާއިމުކޮށްދިނުމުގެ މަގްސަދުގައި ބާއްވާ މޯލްޑިވްސް ކޮންސިއުމާ ފެއާ މިއަހަރު އޮންނާނީ އޭޕްރިލް މަހުގެ ތެރޭގައެވެ.
މޯލްޑިވްސް ކޮންސިއުމާ ފެއާގެ ޕާޓްނަރުން ހަމަޖައްސައި، އެފަރާތްތަކާ އެކު ސޮއިކުރުމަށް މިއަދު ބޭއްވި ހަފްލާއަށްފަހު، ސަންއިން ކުރި ސުވަލަކާށް ޖަވާބު ދެއްވަމުން ބްލަކްގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ހުޝާމް ވިދާޅުވީ ކުރީ އަހަރުތަކުގައި މި ފެއާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
14 ފެބްރުއަރީ 2017: މޯލްޑިވްސް ކޮންސިއުމާ ފެއާ 2017އަށް ޕާޓްނަރުން ހަމަޖެއްސުން: މިއަހަރުގެ ކޮންސިއުމާ ފެއާ އޮންނާނީ އޭޕްރިލް މަހުގެ ތެރޭގައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ހުޝާމް ވިދާޅުވީ، ކޮންމެ އަހަރެއްގެ ފެއާވެސް ވަރަށް ކާމިޔާބު ކަމަށާއި، އަމާޒަކީ އެއް އަހަރަށް ވުރެ އަނެއް އަހރުގެ ފެއާއަށް ބައިވެރިންނާއި ހަރަކާތްތައް އިތުރުކޮށް، ކުރިޔަށް ވުރެ ގިނަ ކޮންސިއުމަރުން ފެއާއަށް ގެނައުން ކަމަށެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެން ފެއާ ބޭއްވީ ނޭޝަނަލް އާޓް ގެލެރީގައި. މިއަހަރު ދަރުބާރުގޭގައި ބޭއްވުމަށް މަސައްކަތް މި ކުރަނީ. އެއީ ކުރިޔަށް ވުރެ ލާޖް ސްކޭލެއްގައި މިކަން ކުރުމަށް. އަޅުގަނޑުމެން ޓާގެޓުކުރަނީ މިދިޔަ އަހަރަށް ވުރެ، މިއަހަރުގެ ފެއާ ތިން ގުނަ ބޮޑުކޮށް ބޭއްވުމަށް،" ހުޝާމް ވިދާޅުވިއެވެ.
ހުޝާމް ވިދާޅުވީ ކޮންސިއުމާ ފެއާގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މާޗު މަހުގެ 15 ވަނަ ދުވަހާ ހަމައަށް، ހުރިހާ ވިޔަފާރިއަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
މޯލްޑިވްސް ކޮންސިއުމާ ފެއާ އިންތިޒާމުކުރާ ބްލަކްގެ މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ހުޝާމް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"އާންމުކޮށް ޑޭ ޓު ޑޭ މުދާ. އެފްއެމްސީޖީ އައިޓެމްސް، ފަރުނީޗަރު، އިލެކްޓްރޯނިކްސް، މޯބައިލް ފޯނު، ކޮމްޕިއުޓަރު، ބިއުޓީ ޕްރޮޑަކްޓްސް، މިހެން ގޮސް ހުރިހާ ރޭންޖެއްގެ ބޭފުޅުން އެގްޒިބިޓް ވެލައްވާނެ. އަޅުގަނޑުމެން ބޭނުންވަނީ ސަޕްލަޔަރުންގެ ވެރައިޓީ އިތުރުކުރުން،"
ހުޝާމް ވިދާޅުވީ މިހާރުވެސް ފެއާގައި ބައިވެރިވާން އެދޭ ފަރާތްތައް ގިނަ ކަމަށެވެ. އަދި އެ ފުރުސަތު އޮތީ މާކެޓުގައި ގިނަ ދުވަސްވީ ވިޔަފާރިތަކަށް އެކަނި ނޫން ކަމަށާއި، އަލަށް ވިޔަފާރި ފަށާ ބޭފުޅުންނަށް ވެސް ކޮންސިއުމާ ފެއާގެ ޕްލެޓްފޯމް ހުޅުވާލެވިފައިވާ ކަމަށެވެ.
"މި ހުރިހާ ބޭފުޅުން މުދާތަކާ އެކު ބައިވެރިވާ އިރު، ތަކެތީގެ އަގު ހެޔޮކޮށްލާނެ. އަދި ޕްރޮމޯޝަންތަކެއް ވެސް ރަން ކުރާނެ. މިތަނަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ކޮތަޅުތަކެއް ފުރާލައިގެން ދާނެ ބަޔަކަށް ވާނެ،" ހުޝާމް ވިދާޅުވިއެވެ.
މޯލްޑިވްސް ކޮންސިއުމާ ފެއާ 2017ގެ އެކްސްކްލޫސިވް ސްޕޮންސަރަކީ ބީއެޗްއެމްއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.