14 Feb 2017, 16:53
ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށްގެން ހުށަހެޅުނު މައްސަލައާ ގުޅިގެން ވ. ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ދެ މުވައްޒަފަކު ދިޔުމުން ލިބިފައިވާ އަނިޔާތައް އެކުއްޖާ އަމިއްލައަށް ދައްކާފައިވާ ކަމަށާއި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެ ދެ މުވައްޒަފުން އަޅާފައިނުވާ ކަމަށް ދައުލަތުން ބުނެފިއެވެ.
ވ. ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ކުރިން މަސައްކަތް ކުރި ވ. ފުލިދޫ، ނަލަހިޔާ، އާމިނަތު ޝިޔާޒާ އާއި ގދ. ފިޔޯރީ، ބީޗްވިލާ، އަހުމަދު ޝުޒާދުގެ މައްޗަށް އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ އެންމެ ފުރަތަމަ އެ ދެ މީހުންނަށް އިބްތިހާލް ފެނުނު އިރުވެސް އެކުއްޖާ އަމިއްލަ އިސްނެގުމަށް ޒަޚަމްތައް ދައްކާފައިވާ ކަމަށާއި ހެކީންގެ ހެކިބަހުން އެކަން އެނގޭނެ ކަމަށެވެ.
"އެންމެ ފުރަތަމަ ފެނުނުއިރު، އެ ކުއްޖާ އަމިއްލަ އިސްނެގުމަށް ޒަޚަމްތައް ދައްކައި ކަށަވަރުކޮށްދީފައިވާކަން ހެކީންގެ ބަޔާންތަކުން އެނގިގެންދާނެ. އެހެންނަމަވެސް އެކުއްޖާ އަށް އަޅާލައި އިޖުތިމާއީ މަރުކަޒަކަށް ގެންގޮސްފައެއްނުވޭ،" ނިހާޔަތު ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ޝިޔާޒާގެ ވަކީލު ވިދާޅުވީ އެ މައުލޫމާތު ލިބުމާ އެކު ޝިޔާޒާ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ކަމަށާއި ދައުލަތުން ހުށަހެޅި ލިޔުންތަކުން ވެސް އެކަން އެނގޭ ކަމަށެވެ.
"އާމިނަތު ޝިޔާޒާ ވަނީ ގާނޫނީ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކޮށްފައި،" ޝިޔާޒާގެ ވަކީލު ވިދާޅުވިއެވެ.
ޝިޔާޒާ އާއި ޝުޒާދު އިބްތިހާލް ކައިރިއަށް ދިޔައިރު، އެ ކުއްޖާ ހުރީ އޭނާގެ މަންމަ ކައިރީ ނޫން ކަމަށާއި އެ ކުއްޖާ ހުރީ އޭނާގެ ދައްތައެއްގެ ކައިރީ ކަމަށް ވަކީލު ވިދާޅުވިއެވެ.
ޝިޔާޒާ މިއަދު ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.
ދައުވާ ލިބޭ ޝުޒާދުގެ ވަކީލު ވަނީ ގިނަ ކަންތައްތަކެއް ސާފުކުރުމަށް ދައުލަތާ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން އެސިސްޓެންޓް ކައުންސިލަރު ކަމަށް އޭނާ ހަމަޖެއްސިޔަސް ވަޒީފާގެ އަސާސީ ތަމްރީނު ދިނީ ކޮންއިރަކުތޯ އާއި ކަމާބެހޭ ފަރާތެއްގެ ހުއްދަނެތި ލޮލަށް ފެނުނު ކަންތައްތަކުގެ މައްޗަށް ޝުޒާދަށް އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގިދާނެތޯ ސާފުކުރަން ބޭނުންވާ ކަމަށް ވަކީލު ވިދާޅުވިއެވެ.
ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ނިހާޔަތު ވިދާޅުވީ ދައުލަތުން ހުށަހެޅި ލިޔުންތަކުން އެ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ލިޔުންތައް ދިރާސާކުރުމަށްފަހު ސާފުނުވާ ކަމެއް އޮތްނަމަ އެކަމެއް ދައުލަތުން އޮޅުންފިލުވައިދޭނެ ކަމަށެވެ.
ހިއުމަންރައިޓްސް ކޮމިޝަނަކީ ޖިނާއީ ތަހުގީގެއް ކުރުމުގެ ބާރު ލިބިގެންނުވާ މުއައްސަސާއެއް ކަމަށް ވިދާޅުވެ އެ ތަހުގީގުގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ޝިޔާޒާގެ ވަކީލު އެދިވަޑައިގަތެވެ. އަދި ތަހުގީގަށް ހާޒިރުކުރި އިރު، ކުށެއްގެ ތުހުމަތުގައި ހާޒިރުކުރިކަން އެ ދެ މީހުންނަށް ވެސް އަންގާފައިނުވާ ކަމަށް ވަކީލުން ފާހަގަކުރިއެވެ.
ގާޒީ އަހުމަދު ޝަކީލް މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ލިޔުންތައް ދިރާސާކުރުމަށް 20 ދުވަހުގެ މުހުލަތެއް އެ ދެ މީހުންނަށް ދިނުމަށްފަހުއެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ ދެން އޮންނަ އަޑުއެހުމެއްގައި ކަނޑައަޅާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
އިބްތިހާލްގެ މަރާ ގުޅިގެން ޖެންޑާ މިނިސްޓްރީގައި މަސައްކަތްކުރާ ދެ މުވައްޒަފަކާއި ފުލުހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ.